ވިޔަފާރި

މަނަދޫ ސިޓީ ހޮޓާ މަޝްރޫޢު : އިޤްތިޞާދީ ނަފާ ލިބޭނެ މުހިއްމު މަޝްރޫޢެއް


މަނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓާ މަޝްރޫޢުގެ ސަބަބުން ރަށަށް ޢިޤްތިޞާދީގޮތުން އިތުރު ނަފާތަކެއް ލިބިގެންދާނެކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މަނަދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 ޑިސެމްބަރު 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން 132،000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް ތަރައްޤީކުރާ މި ހޮޓާގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން މަނަދޫ ކައުންސިލުގެ ރައީސް ޢަބްދުލް ރަޙްމާން ސަބީޙު ވިދާޅުވީ، މިއީ 2010 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ރައްޔިތުން ދެކެމުންދިޔަ ރަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށާއި، ރަށަށް ވިޔަފާރިއާއި އިޤްތިޞާދީ ރޮނގުން އިތުރު ދިރުމެއް ގެނުވާނެކަމަށް ސަބާޙު ވިދާޅުވިއެވެ.

"ދެން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ރަށް ހުޅުވިގެންދާނެ. މީގެ އިތުރުން ވަޒީފާގެ ފުރުޞަތާއި އިޤްތިޞާދީގޮތުންވެސް ސިޓީ ހޮޓަލުން މަނަދޫއަށް ލިބޭ ނަފާގެ ތެރެއިން އަޅުގަނޑުމެން ކައުންސިލް ލެވެލްގައި ނުވަތަ ރަށު ލެވެލްގައި ޕްރޮޖެކްޓުތައް ހިންގުމުގެ އިޙްތިޔާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބިގެންދާނެ" ސަބާޙު ވިދާޅުވިއެވެ.

މަނަދޫއަކީ ނ. އަތޮޅުގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. 119 ހެކްޓަރުގެ މިރަށުގައި ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ތައްޔާރުވަމުންދާކަމަށް މަނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި 20 ވަރަކަށް ބިން ފަތުރުވެރިކަމަށް ޚާއްސަކުރުމަށް ކަނޑައަޅާފައިވާއިރު، މިއަހަރުގެ ތެރޭގައި އެ ބިންތައް ދޫކުރަން ފަށާނެކަމަށް ސަބާޙު ވިދާޅުވިއެވެ.

ސަބާޙު ވިދާޅުވީ، މަނަދޫއަކީ ފަތުރުވެރިކަން ކުރިއެރުވިދާނެ، އަދި އެކަމަށް ފުރުޞަތު އޮތް ރަށެއްކަމަށެވެ. އަދި ސަރުކާރުން އަލަށް ތަޢާރަފުކުރި ހޯމް ސްޓޭ ފަތުރުވެރިކަން މަނަދޫއަށް ތަޢާރަފުކުރުމުގެ ޝަޢުގުވެރިކަން ބައެއް ފަރާތްތަކުން މިހާރުވެސް ފާޅުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ނ. އަތޮޅަކީ ރާއްޖޭގައި އަދި އޭޝިއާގެ ނިސްބަތުންވެސް އެންމެ އަގުބޮޑެތި ރިސޯޓުތައް ހުރި އަތޮޅު. އެހެންވީމަ ވަރަށް ބޮޑު ވަރަށްފަހި ފުރުޞަތެއް އެބައޮތް މަނަދޫގައި ފަތުރުވެރިކަން ފުޅާވެގެން ކުރިއަށްދާނެ. މިހާރު ހޯމް ސްޓޭ ތަޢާރަފުވުމާއެކު މިހާރުވެސް ބައެއް ފަރާތްތަކުން ރަޖިސްޓްރީކުރަމުން އެބަދޭ. އެހެންވީމަ ޖުމްލަގޮތެއްގައި ހޯމް ސްޓޭ އަދި ގެސްޓް ހައުސް ވިޔަފާރިއާއި އަދި ސިޓީ ހޮޓާވެސް ހިމެނޭހެން ހުރިހާ ދިމާލަކުންވެސް ފަތުރުވެރިކަމުގެ އެންމެ ބޮޑު ނަފާއަކާއި އެންމެ ބޮޑު ފުރުޞަތެއް ލިބޭނެ އެއް ރަށަކީ މަނަދޫ" ސަބާޙު ވިދާޅުވިއެވެ.

މަނަދޫގައި ސިޓީ ހޮޓަލެއް ތަރަޢްޤީކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ނިންމާ، 2024 ވަނަ އަހަރުގެ މެދުތެރޭ އެތަން އޮޕަރޭޝަނަށް ގެނެވޭވަރު ވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ސިޓީ ހޮޓާ ޤާއިމުކުރުމަށް ނިންމާފައިވަނީ މަނަދޫގައި މީހުން ދިރިއުޅޭ ސަރަޙައްދާ ވަކިންނެވެ.