ބ އަތޮޅުގެ ރަށްތަކުން އެދިފައިހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދަނީ އެއަތޮޅުގެ ރައްޔިތުންނާއި ގާތުން ހިޔާލާއި މަޝްވަރާ ހޯދައިގެން އެ ރައްޔިތުން އެދޭގޮތަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫޜިއްޔާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބ. ކެންދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގައި ގާއިމު ކުރާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގެ އިތުރުން މޮޅެތި ކުޅުންތެރިން އުފެއްދުމަށް ގާއިމުކުރެވޭ ވަސީލަތްތަކެއް ކަމަށެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތައް ކުރިޔަށްދަނީ ބައެއް ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށާއި، އެގޮތުން ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ބަލްކްކޮށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބޭނުންވާ ސާމާނު ގަނޑުކޮށް އެސްޓީއޯ މެދުވެރިކޮށް ގެންނައުމަށް މިނިސްޓްރީ އާއި އެސްޓީއޯގެ ޓީމެއް މިހާރުވެސް ޗައިނާގައި ވެއްޖެ ކަމަށާއި، ރާއްޖެ ފަދަ މާހައުލަކަށް ގިނަދވަހު ބޭނުންކުރެވޭ ކަހަލަ ތަކެތި ހޯދުމުގެ މަސައްކަތް އެޓީމުން ކުރިޔަށް ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިއާއި މިހާރާ ތަފާތަކީ ކުރީގައި ދަނޑުތައް ހަދާއިރު ހުންނަނީ ބައިބަޔަށް އެކި ކުންފުނިތަކާއި ހަވލާލުކޮށްފައި ކަމަށާއި އެހެންކަމުން ޕްރޮޖެކްޓުތައް ނިންމަން ވަރަށް ގިނަ ދުވަސްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު މަޝްރޫއުތައް ހަވާލުކުރަނީ އެއްބަޔަކަށްދީގެން އެއްފަހަރާ ހުރިހާ ކަމެއް ނިންމާ ގޮތަށް ކަމަށާއި، އޭގެ ސަބަބުން ވަގުތުވެސް ސަލާމަތްކުރެވި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއުތައް އަވަހަށް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރަށްރަށުގައި ގާއިމުކުރާ ފިޓްނެސް ސެންޓަރުތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށާއި އެތަންތަނުގައި ޖިމް އާއި އެރޮބިކްސް ކުލާސްތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ ކަމަށާއި، މީގެ އިތުން ކުލާސްރޫމާއި މީޓީން ރޫމުތައް ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުންކފަދަ ކަންކަމަށް އެކި ފަހަރު މަތިން ބާއްވާ ކޯސްތައް ބޭއްވޭނެ ކުލާސްރޫމުތައްވެސް ފިޓްނެސް ސެންޓަރުތަކުގައި ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.