މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޙުސެއިން އަމަންއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމުން އެރަށުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މިސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް. އެކަމަށްޓަކައި މިރަށުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ގުދުރަތީ ރީތިކަމާއި ރަށުގެ ފެހިކަންގަދަ ގަސްތަކާއި، ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ކަމަދޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. މީގެ އިތުރުން ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއްވެސް މެއެވެ.
މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް ކަމަދޫގައި އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ. އަދި އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ބެޑް ކެޕޭސިޓީ އެންމެ ބޮޑު ރަށަށް ހެދުމަކީ އެރަށު ރައްޔިތުންގެ ބޮޑު ޢަޒުމެކެވެ.