ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލުން މިހާރު ޚިދުމަތް ދެމުންދަނީ ހަމައެކަނި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވީ، އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އިތުރު 7 އެއަރލައިނެއްގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި އެއަރލައިންތަކަށް އައު ޓަރމިނަލަށް ބަދަލުވުމުގެ ޕްރޮސެސްއާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އައު ޓަރމިނަލަށް ބަދަލުކުރާނެ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. މި އެއަރލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ރޭވިފައިވާ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އައު ޓަރމިނަލް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 7 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.