ޚަބަރު

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު އެކުލަވާލި އެއްބަސްވުން ބާޠިލްކޮށްފައި

  • އައު އެއްބަސްވުމުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ

ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢާއި ގުޅިގެން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް 2023 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން ބާޠިލްކުރުމަށްފަހުއެވެ.

ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއަރޕޯޓް ވިއުގާ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިގޮތުން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 570.2 މިލިޔަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ނިންމުމަށް ހަވާލުކުރީ 660 ދުވަހެވެ.

މި މަޝްރޫޢުގެ ތެރެއިން ތުޅާދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަސައްކަތަށް 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެކަމަށް އިމަރާތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތް ކުރުމަށް ކުރިން ހަވާލުކޮށްފައި އޮތީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އޭރު ހަވާލުކުރީ 44.70 ހެކްޓަރުގެ ބިން ހިއްކުމަށެވެ.

ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.