ތިމާވެށި

ގދ.ތިނަދޫ ކުނިގޮނޑު ސާފުކޮށް، 8000 ޓަނުގެ ކުނި ބޭރުކޮށްފި


ގދ.ތިނަދޫ ކުނިގޮނޑު ސާފުކޮށް، 8000 ޓަނުގެ ކުނި އެރަށުން ބޭރުކޮށްފިއެވެ. ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން މި މަސައްކަތް ކޮށްފައިވަނީ 3 މަސް ދުވަހުގެ ތެރޭގައެވެ.

ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ހުވަދު އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ގދ. ތިނަދޫއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. ގޭބިސީތަކުން އުފެދޭ ކުނި ދުވަހުން ދުވަހަށް ނައްތާލެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ރަށުގެ ކުނިގޮނޑު އަބަދުހެން އޮންނަނީ ކުނިން ފުރިފައެވެ. މެހިގިނަވުމާއި ކުނިކޮށިން ދުވާ ނުބައި ވަހުން މުޅި ސަރަހައްދު އޮންނަނީ ތަޣައްޔަރުވެފައެވެ.

ގާތްގަނޑަކަށް 12 ހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ތިނަދޫގައި އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 8 ޓަނުގެ ކުނި އުފައްދާކަމަށް ރަށުގެ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން އެރަށުގެ ކުނިގޮނޑު ސާފުކޮށް، ކުނި ފަރުބަދަތައް ނަގާފައިވެއެވެ. ނަމަވެސް އެދެވޭ ހައްލެއް އަދި ލިބިފައެއްނުވެއެވެ.

އެތައް ޒަމާނެއްވީ ކުނީގެ ބޮޑެތި ފުނިތައް ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރެ އެފަދަ ކުނީގެ ސަބަބުން ޞިއްޙީ އަދި ތިމާވެށީގެ އެތައް މައްސަލައެއް އަންނަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކާ ކުނި ބޭރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި ޙަވާލުކޮށްފައެވެ. "ލެގެސީ ވޭސްޓް ކްލީން އަޕް" ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ވެމްކޯއިން މިހާރުވަނީ ތިނަދޫ ރައްޔިތުންގެ ހިތްތަކަކަށް އުފާވެރިކަން ގެނެސްދީފައެވެ.

ރަށްރަށުގައި ގިނަ ދުވަސްވެފައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިނަދޫ ކުނިގޮނޑާއި، ކުނިގަނޑު ވަށައިގެން ހިމެނޭ ސަރަޙައްދުގައި ހުރި ކުނިތައް ނަގާ، ވެމްކޯއިން ވަނީ އެ ސަރަޙައްދު އެއްކޮށް ސާފުކޮށްފައެވެ.

މޫސުން ގޯސްވުމާއި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، މި މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު އެކޯރޕަރޭޝަނުން ނިންމާލާފައިވާއިރު، ރަށުން 8000 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށް ވެމްކޯއިން ވަނީ ހާމަކުރައްވާފައެވެ. މިއާއެކު އެރަށުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވެމްކޯއިން ވިދާޅުވެފައިވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގައި އެރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނިކޮށްޓަށް ޖަމާވާ ކުނި ދުވަހުން ދުވަހަށް ނައްތާލެވޭނެވަރުގެ ކެޕޭސިޓީއެއް ނެތުންކަމަށެވެ. އާއްމުގޮތެއްގައި އެރަށުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ދަގަނޑު ބެޑްތަކަކަށް ކުނި އަޅާ ރޯކޮށްގެންކަމަށާއި، ނަމަވެސް މޫސުމާއި ވައި ހުންނަގޮތުން، އެކަން އެގޮތަށް ކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ސަޢުދު ވިދާޅުވިއެވެ. އަދި ކުނިގޮނޑު އެހާ އަވަހަށް ފުރުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީވެސް ގިނަ ދުވަސްތަކެއްވަން ކުނި ނައްތާނުލެވި، ޖަމާކޮށްފައި ބަހައްޓަންޖެހުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ، ތިނަދޫ ކުނީގެ މައްސަލަ ހައްލުކުރެވެންއޮތީ، ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އެކަށީގެންވާ ނިޒާމެއް ރަށުގައި ޤާއިމުކުރެވިގެންކަމަށެވެ. އެގޮތުން އެ މަސައްކަތް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާގުޅިގެން ކުރަމުންދާކަމަށާއި، އެރަށަށް 4 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަންހުރި އިންސިނަރޭޓަރެއް ފޯރުކޮށްދޭނެކަމުގެ ފެހި ސިގްނަލެއް ސަރުކާރުން ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ރަށުގައި އުފެދޭ ކުނީގެ މިންވަރާއި އަޅާބަލާއިރު، ދެމެހެއްޓެނިވިގޮތެއްގައި މިކަން ކުރުމަށް އަދިވެސް އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"ސަސްޓެއިނަބަލް ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރެވެމުން މިދަނީ. އެކަމަށް ބޭނުންވާ އެކަށީގެންވާ މިންވަރުގެ އިންސިނަރޭޓަރެއް ލިބުމަކީ އަޅުގަނޑުމެން އެދޭކަމެއް. އަންދާލަންޖެހޭ ކުނިތައް އޭގެ ޒާތުގައި އަންދާލައިގެން ނޫންގޮތަކަށް ތިނަދޫގައި ކުންޏެއް މެނޭޖެއް ނުކުރެވޭނެ" ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުންކަން ފާހަގަކުރައްވާ، މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތައިނުލެވި ހުރިކަމަށް ވިދާޅުވެފައެވެ.

މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ އެއްލައްކަ ފަންސާސް ހަތަރު ހާހަށްވުރެ ގިނަ ޓަނުގެ ކުނި އެ ރަށްރަށުން ބޭރުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން ތިނަދޫވެސް ހިމެނޭހެން 13 ރަށެއްގައި ޖަމާވެފައިވާ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ވަނީ ކޮށްފައެވެ.