ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓާ މީހުން ނުވަތަ ރޭންޖަރުންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 15އަށް ވުރެއް ގިނަ މީހުން މިހާރު ހަރަކާތްތެރިވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ. ރޭންޖަރުން އިތުރުކުރުމަށް ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރިނަމަވެސް އެތަންތަން ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ މަދު ރޭންޖަރުންނެވެ.
ރާއްޖޭގައި މިވަގުތު އެކި ކަންކޮޅުތަކުގައި ރޭންޖަރުންގެ ގޮތުގައި 15 އަށް ވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް، އައްޑޫ އަތޮޅު ބަޔޮސްފިއަރ ރިޒާވް އަދި ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވްގައި މަސައްކަތްކުރާ ފަރާތްތަކާއި ލ. ގާދ،ޫ ރ. ވަންދ،ޫ ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއ،ާ އަދި ށ. ފަރުކޮޅުގައިމަސައްކަތްކުރާ ރޭންޖަރުން ހިމެނެއެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 90އަށް ވުރެއް ގިނަ ސަރަހައްދު އެބައޮތެވެ. އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގިނަ ރޭންޖަރުން ބޭނުންވާކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިންވެސް ވިދާޅުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ރޭންޖަރުން އުފެއްދުމަށް ޚާއްސަކޮށްގެން ބޭސިކް ރޭންޖަރސް ކޯހެއް ތައްޔާރުކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގެ ފުރަތަމަ ބެޗްގައި 18 މީހެއް ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރައް ބަލަހައްޓައި އެތަންތަނުން ނަފާހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެއެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ފަތުރުވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބެން ފެށުމުން އެތަންތަނުން ނަފާލިބެން ފަށާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެވެމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.