ބ. ފެހެންދޫގެ އާބާދީ ކުޑަނަމަވެސް ތަރައްޤީގައި ތަފާތުނުކުރާނެކަމަށާއި، އެ ރަށަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނާ މަޝްވަރާކޮށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ. އޭގެތެރެއިން ގިނަ ކަންކަން ފެށުމާއި ހަމައަށް އައިސްފައިވާކަމަށާއި، ކުރިއަށް އޮތީ އަމަލީގޮތުން އެ މަސައްކަތްތައް ފެށުމުގެ މަރުހަލާކަމަށް ރައީސް ވިދާޅުވިއެވެ.
ފެހެންދޫއަށް އެންމެ މުހިންމީ ކުރިން ފެށިފައިވާ ފެނާ ނަރުދަމާ ނިންމުންކަމަށާއި، އެގޮތުން ކުރިން އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަސައްކަތް ކުރިއަށް ނުގެންދެވޭތީ މަޝްރޫޢު މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑަބްލިއުއެސްސީން އެ މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ގެނެސްފައިވާކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫޢު ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ވަރަށް ބާރަށް ގޮސް ދެ މަޝްރޫޢު ނިންމުން. އެއީ އަޅުގަނޑު ޔަޤީންކުރާނެ ދެ މަސައްކަތް. އެ ޔަޤީންކަން ރައްޔިތުންނަށްދެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އާބާދީއަށް ބެލުމެއްނެތި ރައްޔިތުން ބޭނުންވާކަންކަން ކޮންމެ ތާކު ތިބިނަމަވެސް ކޮށްދިނުންކަމަށާއި، ފެހެންދުއަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އާބާދީގައި 323 މީހުން ހިމެނޭ ފެހެންދޫގައި މިވަގުތު ދިރިއުޅޭނީ 150 މީހުންނެވެ. އެހެންކަމުން އެރަށު ސްކޫލަށް ތީޗަރުން ހޯދުން ވަނީ ދަތިކަމަކަށް ވެފައެވެ.
ރައީސް ވިދާޅުވީ، ފެހެންދޫއަށް ތަޢުލީމީ ދާއިރާއިން ވެފައިވާ ވަޢުދުތައް ފުއްދުމުގެ ގޮތުން، ރަށުގައި ޤާއިމްވެ ތިބޭނެ ޓީޗަރުން ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާކަމަށެވެ. އެންމެ އިސްކަމެއްދީގެން ގްރޭޑު 6 އިން މަތީގެ ގްރޭޑްތަކުގައި ކިޔަވާ ދަރވަރުންނަށް ކިޔަވައިދޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އިސްތިސްނާގެ ދަށުން ކަންކަން ފަހިކުރަމުންދާކަމަށާއި، ވަޢުދު ފުއްދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފެހެންދޫ ސިއްޙީ މަރުކަޒަށް އައު ޢިމާރާތާއި، ލެބޯޓްރީ ޤާއިމްކުރުމަށް މިހާރު އިއުލާންކޮށްފައިވާކަމަށެވެ. އަދި މިއަހަރު އެ މަސައްކަތް އަމަލީގޮތުން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ފެހެންދޫގައި ކުރުމަށް ނިންމާފައިވާ ކަންކަން ތަފްސީލްކުރައްވަމުން ރައީސް ވިދާޅުވީ ހުރިހާ ކަމެއް ފުރިހަމަ ދަނޑެއް އެޅުމާއި، ވޮލީ ކޯޓެއް އެޅުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށެވެ. އަދި އައުޓްޑޯ ޖިމެއްވެސް ޤާއިމްކޮށް، ކުޑަކުދިންގެ ޕާކްގެ މަސައްކަތްވެސް މިއަހަރު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތެއް އެޅުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށޫގެ ޖެޓީއާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުންވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ލަސްވެގެން އަންނަ އަހަރު އެކަންކަން ފުރިހަމަކޮށްދެއްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ގާތުގައި ވައުދުވެވަޑައިގަންނަވަނީ އިޚްލާސްތެރިކަމާއެކު އެ މަސައްކަތްތައް ކުރުމަށްކަމަށާއި، ކުޑަރަށެއް ނަމަވެސް ޚިދުމަތްތައް ޤާއިމްކުރުމުގައި އިސްތިސްނާ ނުކުރައްވާނެކަމަށެވެ.