ޚަބަރު

ތިމާވެށީގެ ދާއިރާގެ އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން އެމެރިކާ ސަފީރާއެކު މަޝްވަރާކުރައްވައިފި


  • ބައްދަލުވުން ކުރިއަށްގެންދިޔައީ ތިމާވެއްޓާ ބެހޭ ވުޒާރާގައި

  • ހަކަތައިގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ތިމާވެށީގެ ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޯން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދެވީ ތިމާވެއްޓާ ބެހޭ ވުޒާރާގައެވެ.

ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޯންއާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޚާއްސަގޮތެއްގައި މަޝްވަރާކުރެއްވީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުންނެވެ.

މަޝްވަރާ ކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާއި، ޚާއްސަކޮށް ސާފު ހަކަތަ އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްސަކޮށް ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ތިމާވެށީގެ ދާއިރާތަކުން ސަރުކާރުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚައްސަގޮތެއްގައި ތިމާވެއްޓާ ރައްޓެހި ގޮތުތަކަށް ހަކަތައިގެ ނިޒާމު ބަދަލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިއަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސޯލާ ސިޓީ މަޝްރޫޢަކީ ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާ، މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ 100 މެގަވޮޓްގެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.