ތިމާވެށި

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 104 ބާވަތެއްގެ ދޫނި ޙިމާޔަތްކޮށްފި


ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން 104 ބާވަތެއްގެ ދޫނި އެންވަޔަރަންމަންޓް މިނިސްޓްރީން ޙިމާޔަތްކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4ވަނަ މާއްދާއާ ހަވާލާދީ އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން 104 ބާވަތެއްގެ ދޫންޏެއް ޙިމާޔަތްކޮށްފައިވާތަކެތީގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ.

މިކަމާގުޅިގެން އެމިނިސްޓްރީން ނެރެފައިވާ އިޢުލާނުގައި ވަނީ ޚިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓް ޢާއްމުކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގެ މާޙައުލުން ޢާއްމުކޮށް ފެންނަ ދޫނިތަކާ ވަރަށްމަދުން ނޫނީ ނުފެންނަ އަދި ހިޖުރަކުރާ ދޫނިތައްވެސް ހިމެނެއެވެ. އެގޮތުން 3 ވައްތަރެއްގެ ކޮތަރާއި، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުފަދަ ދޫނިތައް ހިމެނެއެވެ.

މި ދޫނިތައް ޙިމާޔަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ޤުދުރަތީ މާޙައުލުގައި ވަރަށް މުޙިންމު ދިރުންތަކަކަށްވުމާއެކު، އެތަކެތީގެ އާބާދީއަށް ގެންލުން ލިބިދާނެފަދަ އެންމެހާ ކަންތައްތައް ހުއްޓުވުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖެއަކީ ހިޖުރަކުރާ ދޫނީގެ ވަގުތީ މަންޒިލަކަށް ވީހިނދު ރާއްޖެއަކީ އެ ދޫނިތަކަށް ރައްކާތެރި މަންޒިލެއްކަން ޔަގީންކޮށްދިނުންކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ޙިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުމާއި، ގެންގުޅުމާއި ގެއްލުންދިނުން، އަދި ގޯނާކުރުމަކީ މަނާކަމެއްކަމަށެވެ. އަދި ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއްކުރުމަކީވެސް މަނާކަމެއްކަމަށެވެ. މީގެ އިތުރުން ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެތަކެތީގެ ބައިތައް އިސްތިހާރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

މިއަދުން ފެށިގެން 104 ބާވަތެއްގެ ދޫނި އެންވަޔަރަމަންޓް މިނިސްޓްރީން ޙިމާޔަތްކޮށްފައިވާއިރު، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދަށް މިދިޔަމަހު ވަނީ ޢަމަލުކުރަން ފަށާފައެވެ. ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު ޙިމާޔަތްކޮށްފައިވާ ތަކެއްޗަށް މެނޭޖްމެންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލަން ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރެއެވެ. އަދި ޙިމާޔަތްކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ޙިމާޔަތްކޮށްފައިވާ ތަކެއްޗާމެދު ޤަވާޢިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު އަޅާނެ ފިޔަވަޅުތައްވެސް ތަފްސީލުކޮށް ބަޔާންކުރަންޖެހެއެވެ.

ޤުދުރަތީގޮތުގައި ނުވަތަ ޠަބީޢީގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފިނަމަ ތިރީސް ހާސް ރުފިޔާއާއި ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ދިރުމެއްގެ ހާއްޔަށް، ނިދާ ތަނަށް، ބިސް އަޅާ ތަނަށް ނުވަތަ ވިހާތަން ފަދަ ތަނަކަށް ގެއްލުން ދީފިނަމަވެސް ހަމަ މި ޢަދަދުތަކުން ޖޫރިމަނާކުރުމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މި ޤަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ތިރީސް ހާހާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި ޚާއްސަ ހުއްދަ ހޯދަންޖެހޭ ޙާލަތްތަކުގައި ދޮގު މައުލޫމާތުދީގެން ޤަވާޢިދާ ޚިލާފު ވެއްޖެނަމަ ހުއްދަ ބާޠިލްކުރުމަށްފަހު ފަސް ހާސްރުފިޔާއާއި ހަތްދިހަ ފަސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.