ޚަބަރު

އިނގުރައިދޫ، 30 ގެއަކަށް ފެންވަދެ 15 ގެއަކަށް އެކިވަރުގެ ގެއްލުން


  • ރ.ރަސްމާދޫއާއި ޅ.ނައިފަރުގައިވެސްވަނީ ފެންބޮޑުވެފައި

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެއްލުންވެފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ވިދާޅުވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ރ.އިނގުރައިދޫގެ 30 ގެއަކަށް ފެންވަދެ، އޭގެތެރެއިން 15 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ކައުންސިލުން އެންޑީއެމްއޭއަށް އަންގާފައިވާކަމަށެވެ. އެރަށުގެ އިތުރުން ރ.ރަސްމާދޫއާއި ޅ.ނައިފަރުގެވެސް ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކާ ވެލިބަސްތާ ޖެހުމާއި، ފެންހިއްކުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި ފެންބޮޑުވުމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދެކުނަށް ކުރި ވިއްސާރައިގައި ދެކުނުގެ 3 އަތޮޅުން 120 ގެއަކަށް ފެންވަދެގެންވަނީ ރިޕޯޓުކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ 118 ގެއަކާއި ފުވައްމުލައް ސިޓީގެ 1 ގެއަށް އަދި ގދ.ތިނަދޫން 1 ގެއަށް ފެންވަދެގެންވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއން ވިދާޅުވެއެވެ. މިއަދުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިންވަނީ ލަފާކުރައްވާފައެވެ.