ޚަބަރު

ބޭރު ތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި


  • ތާށިވީ އުމުރުން 50 ދިވެހި ފިރިހެނެއް

  • މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ 17:16ހާއިރު

  • އޭނާ ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި

މާލޭ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަތަކުގެ ދޭތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރު ކަމަށެވެ. މިހާދިސާގައި ތާށިވެފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، ހިލަތަކުގެ ތެރޭގައި ތާށިވެފައިވާ މީހާ ސަލާމަތް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ގުޅިގެން އެ ސަރަޙައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ބަޖިޔާގާތަކާއި ހިލަތަކަތަކުގެ ދެމެދު ހެދިފައި އޮތް ހުސްޖާގެއެއްގެ ތެރެއަށް، ބޯކޮޅުވަތަށް ވެއްޓުނު މި މީހާ ސަލާމަތްކުރުމަގައި މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ރެސްކިޔު ޓޫލްސް ބޭނުންކޮށް، ހިލަތަށް ދުރަށް ޖެއްސުމަށްފަހު އެ މީހާ އެތަނުން ނަގާފައެވެ. އަދި އެމީހާ ސަލާމަތްކުރުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

އެމީހާ ހިލަތަކުގެ ތެރެއަށް ވެއްޓެން ދިމާވި ސަބަބާއި، އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.