ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވަރލްޑް ބޭންކުން ދެއްވައިފިއެވެ. މިޔަޤީންކަން ދެއްވީ ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައެވެ.
ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދެއްވާ ތަރައްޤީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން pic.twitter.com/iVYyHPwouE
— The President's Office (@presidencymv) September 16, 2026
ބޭރުން އެތެރެކުރާ ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޚަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަރލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ޙާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.