އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާއާއެކު މަޝްވަރާތައް އަލުން ފައްޓަވަން ބޭނުންފުޅުވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިޔަންގ ވިދާޅުވެއްޖެއެވެ.
ރައީސް ލީ ފާހަގަކުރެއްވި ގޮތުގައި، އުތުރު ކޮރެއާ އާއެކު މަޝްވަރާކުރެއްވުމަށް ޓްރަމްޕް ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ. އަދި މިފަދަ މަޝްވަރާތަކެއް ބޭއްވުމަކީ ޔަޤީންކަން ކުޑަ ކަމެއް ނަމަވެސް، އެއީ މުޅިން ނުވާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ވާހަކަތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުން، ދެކުނު ކޮރެއާއިން ދަނީ އިސްނަގައިގެން އިބްތިދާޢީ ތައްޔާރީތައް ވަމުންނެވެ. ދެކުނު ކޮރެޔާގެ ޔޮންހެޕް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ކޮރެއާގެ ދެމެދުގައި މަޝްވަރާ ކުރުމަށްވުރެ އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ވާހަކަތައް ކުރިއަށް ގެންދިއުން މާ ފަސޭހަވާނެ ކަމަށް ރައީސް ލީ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާއެކު ބޭއްވެވި ގާތް ގުޅުން އަލުން އައުކުރެއްވުމުގެ ގޮތުން، މިއަހަރުގެ ފަހުކޮޅު ކިމްއާ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އާއެކު އެއްބަސްވުމަކަށް އައުން މުހިންމުވަނީ އެޤައުމުގައި ނުރައްކާތެރި 57 ނިއުކްލިޔަރ ހަތިޔާރު ހުރުމުންނެވެ.
ނަމަވެސް ދެކުނު ކޮރެއާގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އުތުރު ކޮރެއާގައި 80 އާއި 120 އާ ދެމެދުގެ ޢަދަދަކަށް ނިއުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. ފަހަކަށް އައިސް ރަޝިއާގެ އަސްކަރީ އެހީތެރިކަން ހޯދަމުން އަންނަ އުތުރު ކޮރެއާއިން މިހާތަނަށް ޓްރަމްޕްގެ މި ހުށަހެޅުންތަކަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
ދެ ކޮރެއާގެ މެދުގައި 2018ގައި ގުޅުން ރަނގަޅު ވިނަމަވެސް، 2019 ވަނަ އަހަރު ހަނޯއީގައި ކިމް އަދި ޓްރަމްޕް ބޭއްވެވި ސަމިޓް ނާކާމިޔާބުވުމާ ގުޅިގެން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މީގެއިތުރުން، 2020ވަނަ އަހަރު ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހެދި ޙާއްސަ އޮފީސް އިމާރާތް އުތުރު ކޮރެއާއިން ގޮއްވާލި މައްސަލައިގައި، ބަދަލުގެ ގޮތުގައި 32.5 މިލިއަން ޑޮލަރު ދެއްކުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ވަނީ އުތުރު ކޮރެއާގެ މައްޗަށް ހުކުމްކޮށްފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދެކުނު ކޮރެއާއިން ދަނީ ސަރަޙީއްދީ ގުޅުންތައް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރަޝިއާއާ ގުޅުން އޮންނަ އޭޝިއާގެ ފަސް ޤައުމަކާއެކު އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ މަޤްޞަދުގައި ވެރިރަށް ސޯލްގައި ވަނީ ޙާއްސަ ސަމިޓެއް ބާއްވައިފައެވެ.
މީގެއިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަނުމަށް ދެކުނު ކޮރެއާއިން އެއްވެސް ސިފައިންގެ ފައުޖެއް ނުފޮނުވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ލީ ވަނީ ދެއްވައިފައެވެ.
މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ލީ ވަނީ، އެމެރިކާގެ ފިއްތުންތައް އޮތް ނަމަވެސް ހުރްމުޒް ކަނޑުއޮޅިއަށް ދެކުނު ކޮރެއާގެ އަސްކަރީ ސިފައިން ނުފޮނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"މިކަން ސާފުކޮށްދެން؛ ހަނގުރާމައަކަށް މަގުފަހިވާނެ ފަދަ އެއްވެސް އަސްކަރީ ހަރަކާތެއްގައި އަޅުގަނޑުމެން ބައިވެރިއެއް ނުވާނަން، އަދި ސިފައިންނެއްވެސް ނުފޮނުވާނަން،" އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ސަރުކާރާއި އާންމުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި، ފާއިތުވި ހަފްތާތަކުގައި މުޒާހަރާތަކެއް ކޮށްފައިވީނަމަވެސް، ރައީސް ލީ ވިދާޅުވީ ދެކުނު ކޮރެއާގެ ވިޔަފާރި އަދި ތެޔޮ އުފުލާ އުޅަނދުތަކުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ އެންމެ އަސާސީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.