ޚަބަރު

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 16 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދެއްގައި ހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއަކާއި ބަޑީގެ ހަމަލާތަކެއްގައި 16 މީހުން މަރުވެ 56 މީހުންނަށް ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ކައުހަތުގެ ފުލުހުންގެ އިދާރާއެއްގައި ހުންނަ މިސްކިތަކަށް ގޮވާތަކެތި ހަރުކޮށްފައި ހުރި ކާރެއް ވައްދާ ގޮއްވާލާފައި ވަނީ ހުކުރު ނަމާދު ވަގުތު މިސްކިތަށް މީހުން އެއްވެފައި ވަނިކޮށެވެ. ކައުހަތު ހުންނަ ޚައިބަރު ޕަޚްރުންޚުވާ ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާ ޒުލްފިކާރު ހަމީދު ވިދާޅުވީ ކާރު ގޮއްވައިލުމަށް ފަހު، ބަޑި ހިފައިގެން ތިބި ބަޔަކު ފުލުހުންގެ އިދާރާގެ ގޯތިތެރެއަށް ވަދެ، ފުލުހުންނާއެކު ބަޑީގެ ހަމަލާ ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ހަމަލާގެ ޒިންމާ މިހާ ތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް އައިސިސްއާ ގުޅުންހުރި ސަރަޙައްދީ ޖަމާޢަތަކާއި ޕާކިސްތާން ޠާލިބާން (ޓީޓީޕީ)ގެ ބައިވެރިވުން މި ހަމަލާގައި އޮތުން ގާތެވެ. ދެ ޖަމާޢަތަކީ ވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އަދި ސަލާމަތީ ބާރުތަކަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުކުރާ ޖަމާޢަތްތަކެކެވެ. މިސްކިތަށް ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ޕާކިސްތާނުގެ ހަންގު ޑިސްޓްރިކްޓުގެ މަގެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވައިލުމުން އެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ އުޅަނދެއްގައި ތިބި ހަ ސިފައިން ވަނީ މަރުވެފައެވެ. ސަރުކާރުގެ ފައުޖުތަކުން ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ހަމަ އެ ދުވަހު ރޭޑު ޖަހައި، ޓީޓީޕީއަށް ނިސްބަތްވާ ކަމަށް ބެލެވޭ 10 މީހުން ވަނީ މަރާލައިފައެވެ.

ޕާކިސްތާނުގެ އިދާރާތަކުން ބުނީ ޒަޚަމްވި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ޙާލު ސީރިއަސް ކަމަަށާއި މަރުވާ މީހުންގެ ޢަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ނަމާދަށް ގޮސް ތިބި މީހުންނެވެ.

ހަމަލާގައި މިސްކިތަށް ވެސް ބޮޑެދި ގެއްލުން ލިބިފައިވެއެވެ. އަދި ފުލުހުންގެ އިދާރާގެ ބޭރު ފާރު ވެސް ވަނީ ވެއްޓިފައެވެ. ގޮވުމުގެ އަޑު ވަރަށް ދުރަށް އިވިފައިވެއެވެ.