ކޯވިޑް-19

މާލޭ ސަރަހައްދުގައި ކޭސްތައް އިތުރުވުމަކީ ގެސްޓްހައުސްތަކަށް އޮތް ބިރެއް - މިނިސްޓަރ މަޢުސޫމް


ގްރޭޓަރ މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމަކީ މިސަރަޙައްދުގެ ގެސްޓްހައުސްތަކަށް އޮތް ބިރެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުސޫމް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގިނަ ތަންތަނުން ޢަމަލުކުރަމުންދާކަމަށެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، 2020 ވަނަ އަހަރު ނިމުނުއިރު މާލެއާއި ރިސޯޓުތަކުގައިވެސް ކޯވިޑް-19ގެ ޢަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން ޑިސެމްބަރުމަހު އެކަނިވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއައިއިރު، ފަތުރުވެރިންގެ މެދުގައި ޕޮޒިޓިވިޓީ ރޭޓު ހުރީ އެންމެ 0.07 އިންސައްތައިގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވެ ކޭސްތަކުގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައިން މައްޗަށް ދިޔަނަމަވެސް ފަތުރުވެރިންގެ މެދުގައި ބަލި ޖެހޭ މީހުންގެ އިންސައްތަ މިހާރު ހުރީ 0.22 އިންސައްތައިގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ހިތްހަމަޖެހޭ ނިސްބަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފައިވީނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރިސޯޓުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އޮޕަރޭޓްކުރުމުގެ ހުއްދައަށް އެންމެފަހުން ހުޅުވާލެވުނީ މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައްކަމުން، ގްރޭޓަރ މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމަކީ އޮތް ބިރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި ކޭސްތައް އިތުރުވުމަކީ އަނެއްކާވެސް ކަންބޮޑުވާކަމެއް. އެނގިވަޑައިގަންނަވާނެ ގްރޭޓަރ މާލޭ އޭރިއާގެ ގެސްޓްހައުސްތައް އަޅުގަނޑުމެންނަށް ހުޅުވާލެވުނީ އެންމެފަހުން. އަދި ހަމަ އެ ގެސްޓްހައުސްތަކަށް ކިރިޔާ އޮކިއުޕެންސީއެއް ލިބި ކިރިޔާ ހިންދަމާ މިލެވުނީ. އެހެންއޮއްވާ އަނެއްކާ މާލޭގެ ކޭސްތައް މައްޗަށްދާން ފެށުމަކީ ފުދޭވަރެއްގެ ގޮންޖެހުމެއް. އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެން އެންމެން އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރާނެކަމަށް. ވެކްސިނަކީވެސް މިކަމަށް އޮތް ވަރަށް ބޮޑު އުއްމީދެއް. ދުނިޔޭގެ އެހެން ޤައުމުތަކުގައި ފަތުރުވެރިންވެސް ވެކްސިން ޖަހަން ފަށައިފި މިހާރު" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އަލުން މި ސިނަޢާތް ހުޅުވާލާފައިވަނީ ފަތުރުވެރިކަމުގެ ޙިދުމަތްދޭ ވަކިވަކި ދާއިރާތަކަށް ޚާއްސަ ގައިޑްލައިންތަކަކާއެކުއެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވީ، މި ގައިޑްލައިންތަކަކީ މުޅި ސިނާޢަތާއި، ފަތުރުވެރިންނާއި އަދި އާއްމުންގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގައިޑްލައިންތަކެއްކަމަށްވާއިރު، މިހާތަނަށް އައިއިރު މި ގައިޑްލައިންތަކަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވަރަށް ފުރިހަމައަށް ޢަމަލުކުރަމުންދާކަމަށެވެ.

"މިހާރު ހެދިފައި ހުރި ގައިޑްލައިންތަކާ ކަންކަމަކީވެސް މަޝްވަރާކުރެވިގެން، އެންމެން އެއްކޮށް މީގެ ތެރޭގައި ކުރިއަށްދާން ހެދިފައިހުރި އުޞޫލުތަކެއް. އެކަށީގެންވާ ރައްކާތެރިކަން އާއްމުންނަށާއި، ފަތުރުވެރިންނަށާއި މުވައްޒަފުންނަށްވެސް ދީގެން ކުރިއަށްދާން ހެދިފައިހުރި ގައިޑްލައިންތަކެއް. އޭގެ ތެރެއިން ކުރިއަށްއެބަދެވޭ. އަޅުގަނޑުމެން މޮނިޓަރިންވެސް ތަފާތު ގޮތްގޮތަށް އެބަގެންދެވޭ. އިރާދަކުރެއްވިއްޔާ ހިތްހަމަޖެހޭ ފެންވަރަށް ހުރިހާތަނެއްގައިވެސް ކަންތައްތައް އެބަހުރި. ބައެއް ތަންތަނުގައި ވަރަށް ބަރާބަރަށްވެސް ކަންތައްތައް އެބަހުރި. އަޅުގަނޑުމެންގެ މި ގައިޑްލައިންގައި މިއޮންނަ މިނަށްވުރެ މާ ފުރިހަމައަށްވެސް އިންތިޒާމްތައް ބައެއް ތަންތަނުގައި ހަމަޖައްސާފައި އެބަހުރި" މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ގުދުރަތީގޮތުންވެސް ރާއްޖެ އުފެދިފައިވާގޮތުން، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށެވެ. އަދި 2020 ވަނަ އަހަރު މުޅި އިންޑަސްޓްރީގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަންކޮށްގެން ކުރިއަށްގެންދިޔައީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއްކަން ފަތުރުވެރިންނަށް އަންގައިދިނުމަށްކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ފުރިހަމަކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީ ކޯވިޑް-19ގެ ޙާލަތުގައިވެސް ފަތުރުވެރިކަން ހިންގި ޤައުމެއްގެގޮތުގައި މިހާރު މަޝްހޫރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުން ހިތްވަރުލިބި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިއަހަރު އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.