ޚަބަރު

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ 3 ވަނަ ބުރަށް ހުޅުވާލައިފި


ކޯވިޑް-19އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ހިންގާ މާލީ އެހީ ދިނުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ވޯލްޑް ބޭންކް ގުޅިގެން ހިންގަމުންދާ "ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޯވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެގޮތުން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރު ނިމި، 3 ވަނަ ބުރަށް ފޯމު ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ރިވިއު ކުރެވި، ގްރާންޓް ފައިސާ ދޫކުރަމުންދާކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުޞަތެވެ.

މާލީ އެހީ ޕްރޮގްރާމަށް ހުޅުވާލެވިފައިވާ ދާއިރާތައް:

• އަތްތެރި މަސައްކަތް
• ބިއުޓީ އަދި މޭކަޕް ކުރުން
• ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
• ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
• އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
• ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
• ކުޅިވަރު އަދި ފިޓްނަސް

މި އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް 60,000 ރުފިޔާއާއި ހަމައަށްވާ ފައިސާގެ ޢަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހެއެވެ.

އެހީއަށް އެދުމުގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް:

• 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއްކަމުގައިވުން
• އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށްނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށްނުވުން

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާންޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ "ކޯވިޑް019 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުޞޫލު"ގައި ބަޔާންކޮށްފައިވާނެކަމަށް އިކޮނިމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، 31 މެއި 2023 ވާ ބުދަ ދުވަހެވެ. މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.