ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް


  • މި އޮޕަރޭޝަން ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ކުރިއަށްގެންދާނެ

  • ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އެ ފަރާތްތަކުގެ މައުލޫމާތު ނަގައި ޕްރޮފައިލް ކުރާނެ

ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގައި ޤަވާޢިދާއި ޚިލާފަށް ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ކުރިއަށްގެންދަނީ ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ މިއީ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން އާންމުވަމުންދާތީ، އެފަދަ އުޅަނދުތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަޤްޞަދުގައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން ޤަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޙަނީފް ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކެއްގެ އަމަލުތަކުގެ ސަބަބުން މަގު ރަނގަޅަށް ބޭނުންކުރާ ފަރާތްތަކަށް އޭގެ ނުރައްކާ ފޯރާކަން ދިވެހި ފުލުހުންގެ ޙިދުމަތަށް ވަނީ ފާހަގަކުރެވިފައި. އަދި ހިތާމަވެރި ނުރައްކާތެރި ހާދިސާތައް ދުވަހުން ދުވަހަށް ހިނގާވަރު މަދުނޫންކަން ފާހަގަވާތީ އެކަން މަދުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. ރައްޔިތުންނަށް ފުލުހުން ދޭނެ ޔަގީންކަމަކީ ކޮންމެ ދުވަހަކުވެސް މި މަސައްކަތްތައް ބަލަމުންދާނެކަން" ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ހެޑް ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ހަނީފް ވިދާޅުވިއެވެ.

ހެޑް އޮފް ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ މިއީ މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންނާއި، ބްރިޖް އެންޑް ހައިވޭގައި ޚިދުމަތްކުރާ ފުލުހުން ޢަމަލީ ގޮތުން ބައިވެރިވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ ބްރިޖާއި ހައިވޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އެ ފަރާތްތަކުގެ މައުލޫމާތު ނަގައި ޕްރޮފައިލް ކުރެވޭނެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނުގައިވާ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، އުޅަނދުތައް ޗެކްކުރުމުގައި ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ހުރިތޯ ބެލުމާއި، ލައިސަންސް އޮތްތޯ ޔަޤީންކުރުމުގެ އިތުރުން 'ސްޕީޑް ގަން' ބޭނުންކޮށްގެން ދުވެލި ހުރި މިންވަރު ދެނެގަންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުވަންދެން މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަންވެސް ނަޢީމް ދެއްވިއެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަލާނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށް، އާންމުކޮށް ޓްރެފިކްގެ ތެރޭގައި ޤަވާއިދުން މަޑުން މި ހަމަތަކުގެ ތެރެއިން ދުއްވާ ފަރާއްތަކަށްވުރެއް ބޮޑަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތައް ދުއްވާ އުޅަނދުތަކަށް އަޅުގަނޑުމެން އެޓެންޑު ކުރަމުންދާނީ. އުޅަނދުތަކަށް އެޓެންޑުވެ އެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ" ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ހެޑް އޮފް ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސް ވިދާޅުވިއެވެ.

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"އަށް އަމަލުކުރަން ވަނީ ފަށާފައެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ، ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މި ޤާނޫނުގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ޤާނޫނާއި ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. ޤާނޫނުގައިވާ ގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ، ޤާނޫނީ ކުށެކެވެ.