އަހަރުގެ އެންމެ މޮޅު ބިދޭސީ ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މިޑްފިލްޑަރ ލުއިސް ގޮމޭސް ޑަސިލްވާ ހޯދައިފިއެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާއަށްދޭ އެވޯޑް ސިލްވާއަށް ދިނީ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައެވެ.
ސިލްވާ ވަނީ ނިއުރޭޑިއަންޓްގައި މޮޅު ކުޅުމެއްދައްކައި އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތް ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޑަސިލްވާ ވަނީ މިދިޔަ ސީޒަނުގައި ނިއުގެ ޖާޒީގައި މިޑްފީލްޑަރެއްގެ ގޮތުގައި 18 މެޗު ކުޅެ، 9 ލަނޑު ޖަހައިދީފައެވެ. އަދި ތިން މެޗެއްގެ މޭން އޮފް ދަ މެޗުކަން ވެސް ހޯދާފައިވެއެވެ.
މިއެވޯޑަށް ސިލްވާގެ އިތުރުން ނޮމިނޭޓްވީ ނިއު އާއި ވިކްޓްރީގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ޖެރޯ، ވިކްޓްރީއަށް ކުޅެފައިވާ މިލޯސް ލެކްނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސާޖިއޯ އިގްލޭސިއަސް (މެންޑީ) އަދި އޮޑި ސްޕޯޓްސް ކުލަބާ މި ސީޒަނުގައި ގުޅުނު، ބުރު ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ޑެ ޖެސޫސްއެވެ.
އެފްއޭއެމުން ހޮވާ އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމް ހޯދީ ހުސެއިން ސިނާންއެވެ. ސިނާން އަކީ ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް ފާހަގަކޮށްލެވޭ ރެފްރީއެކެވެ.
ސިނާންގެ އިތުރުން ދެން މި އެވޯޑަށް ނޮމިނޭޓްވީ ޝާތިރު އަބްދުﷲ އާއި ޖާވިޒް މުހައްމަދެވެ.