ޚަބަރު

ކޯވިޑްގައި މިދިޔަ ހަފްތާގައިވެސް 2 މަރު


ކޯވިޑް-19ގައި އިތުރު 2 މީހުން ނިޔާވެ މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 311 އަށް އަރައިފިއެވެ. މިދެމީހުން ނިޔާވެފައިވަނީ ހުޅުމާލޭގައި ހުންނަ ކޯވިޑް ސެންޓަރުގައި ފަރުވާދެމުންދަނިކޮށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މަޢުލޫމާތުދެއެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވަނީ ފާޅުކޮށްފައެވެ. މިބަލި ފެތުރޭ ނިސްބަތް އިތުރުވެފައިވާއިރު ކޯވިޑްގައި ގިނަ ދުވަސްތަކެއްފަހުން މިދިޔަ ހަފްތާގައި ވަނީ ދެމީހުން ނިޔާވެފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ 2 ދިވެހިންކަމަށެވެ. މިގޮތުން ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން 87 އަހަރުގެ ފިރިހެނަކާއި، ޢުމުރުން 58 އަހަރުގެ ފިރިހެނެކެވެ. މީގެތެރެއިން އެކަކު ނިޔާވެފައިވަނީ މިދިޔަ އަންގާރަދުވަހުގައެވެ. އަދި އަނެއް މީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގައެވެ. މިއާއެކު ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދުވަނީ 311 އަށް އަރާފައެވެ.

މިދިޔަ ހަފްތާގައި ކޯވިޑްއަށް 95 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 63 މީހަކާއި އަތޮޅުތެރޭގެ ރަށްތަށުން ޕޮޒިޓިވްވީ 7 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ސަފާރީތަކުން ވަނީ 25 މީހަކު ޕޮޒިޓިވްވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިދިޔަ ހަފްތާގައިވަނީ 21 މީހަކަށް ފަރުވާދޭން ފަށާފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންނާއެކު މިބަލީގައި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދުވަނީ 185549 އަށް އަރާފައެވެ.

ކޯވިޑްއިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރަމްގެ ދަށުން މިހާތަނަށް ފުރަތަމަ ޑޯޒް 399143 މީހަކުވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 385060 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް 167145 މީހުން ވަނީ ޖަހާފައެވެ. އަދި ބޫސްޓަރގެ ދެވަނަ ޑޯޒް 1384 މީހުންވަނީ ޖަހާފައެވެ.

ކޯވިޑްގެ ކޭސްތައް މިހާރު ރާއްޖޭގައި އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ބޭރުގައި އުޅުމުގެ ތެރޭގައި މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.