ޚަބަރު

އެފްއޭއެމްގެ މަސައްކަތްތަކަށް ވަޒީރުގެ ތައުރީފް


  • ވަޒީރު ވިދާޅުވީ، އެފްއޭއެމަށް އެއްބާރުލުން ދެއްވުމުގައި ސަރުކާރުން ދެމި ހުންނާނެ ކަމަށް

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުބާރާތްތައް ބާއްވާ، އެ އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ތައުރީފު ކުރައްވައިފިއެވެ.

މެދު ކެނޑުމަކަށްފަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެ އެސޯސިއޭޝަންގެ އެވޯޑްސް ނައިޓުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ކުޅިވަރާ ބެހޭ ގާނޫނުން ކުޅިވަރު ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ފަހިވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ބޭނުން ހިފައި، އެފްއޭއެމް އިން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި މުބާރާތްތައް ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ފުޓުބޯޅަ ކުރިން އޮތް މަގާމަށް ގެންދިޔުމަށް މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާވެގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފްއޭއެމް އެވޯޑް ނައިޓުގައި ރީޖަނަލް މުބާރާތްތަކުން އެންމެ މޮޅު ކުލަބް ހޮވިގެން ދިޔުމަކީ އެ މިސްރާބަށް ފުޓުބޯޅަ ދާކަމުގެ ހެއްކެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކަށް އެއްބާރުލުން ދެއްވުމުގައި ދެމި ހުންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެފްއޭއެމް މިހާރު މުޅި ރާއްޖޭގައި ފުޓުބޯޅަ މުބާރާތްތައް ބާއްވާއިރު، ފުޓުބޯޅައިގެ އިތުރުން އެ އެސޯސިއޭޝަންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޅިވަރު ކަމަށްވާ ފުޓްސަލް މުބާރާތްތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލް އާއިލާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެފްއޭއެމް އިން އަންނަނީ މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށް، އެ އެސޯސިއޭޝަންގެ ރީޖަނަލް އެސޯސިއޭޝަންތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު އެ އެސޯސިއޭޝަނަށް ފެޑަރޭޝަނެއްގެ ދަރަޖަ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.