ލައިފް ސްޓައިލް

މިއަހަރުގެ ވޯލްޑްކަޕުގައި ޤާއިމްކުރި ރެކޯޑްތައް އެނގޭތަ؟


ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕު ނިމި، މުބާރާތުގެ ވާހަކަތައްވެސް މަދުވެއްޖެއެވެ. މިހާރު އިވެނީ މުބާރާތުގައި ފާހަގަކޮށްލެވުނު ކުޅުންތެރިން ބޮޑެތި އަގުގައި ޓީމުތަކަށް ބަދަލުވަމުންދާ ވާހަކަތަކެވެ. ނޫނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ވާހަކަތަކާއި ބޮޑެތި ޤައުމުތަކުގެ ލީގުތަކުގެ ވާހަކައެވެ. ނަމަވެސް ނިމިގެންދިޔަ ވޯލްޑް ކަޕާއެކު ބައެއް ކުޅުންތެރިންނާއި ކޯޗުންނާއި ޤައުމުތައް ވަނީ ރެކޯޑް ފޮތްތަކަށް އަރާ، ތާރީޚުން ޖާގަ ހޯދާފައެވެ. މިގޮތުން ނިމިގެންދިޔަ ވޯލްޑްކަޕުގައި ވަނީ ޖުމްލަ 15 ރެކޯޑެއް ހަދާފައިވެއެވެ.

ވޯލްޑް ކަޕުގައި ޤާއިމްކުރި ފާހަގަކޮށްލެވޭ ރެކޯޑްތަކަށް ބަލާލާއިރު، ވޯލްޑް ކަޕުގައި ހެޓްރިކެއް ހެދި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޤާއިމްކޮށްފައެވެ. އުމުރުން 33 އަހަރުގެ ރޮނާލްޑޯ މިރެކޯޑް ޤާއިމްކުރީ ޕޯޗުގަލްއާއި ސްޕެއިން ވާދަކުރި މެޗުގައެވެ. އަނެއްކޮޅުން މިމުބާރާތުގައި ޖެހި ލަނޑުތަކާއެކު ރޮނާލްޑޯ ވަނީ 4 ވޯލްޑްކަޕެއްގައި ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުންވެސް ޖާގަ ހޯދާފައެވެ. ރޮނާލްޑޯގެ އިތުރުން 4 ވޯލްޑް ކަޕުގައި ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގައި ހިމެނީ ބްރެޒިލްގެ ޕެލޭއާއި، ހުޅަނގު ޖަރުމަނުގެ އުވެ ސެލާއާއި ޖަރުމަންވިލާތުގެ މިރުސޮލާވް ކްލޯސާއެވެ.

މިއަހަރު ބޭއްވި ވޯލްޑް ކަޕުގައި އަލަށް ވާދަކޮށް، ވަރުގަދަ އާޖެންޓީނާ ހިފަހައްޓާލި ކުޑަކުޑަ އައިސްލޭންޑު ވަނީ ރެކޯޑެއް ޤާއިމްކޮށްފައެވެ. 330،000 މީހުންގެ އާބާދީއެއް އޮންނަ އައިސްލެންޑަކީ ވޯލްޑް ކަޕެއްގައި ވާދަކުރި އެންމެ ކުޑަ ޤައުމެވެ. މީގެ ކުރިން މިރެކޯޑް އޮންނަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި 1.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓްރިނިޑާޑް އެންޑް ޓޮބޭގޯގައެވެ.

ވޯލްޑްކަޕުގައި ހިތްޤައިމު ރީތި ގޯލުތަކެއް ފެނުނުއިރު، ސަޕޯޓަރުން ބަލަން ބޭނުންނުވާ ފަދަ ގޯލުތަކެއްވެސް ވަނެވެ. މިގޮތުން މިއަހަރުގެ ވޯލްޑްކަޕުގައި ޖެހި 169 ގޯލުގެ ތެރެއިން 12 ގޯލަކީ ބައިކޮޅަށް ވަނތް ލަނޑެވެ. އެހެންކަމުން މިއީ މިހާތަނަށް އެންމެ ގިނައިން ބައިކޮޅަށް ގޯލު ޖެހި ވޯލްޑްކަޕެވެ. މީގެ ކުރިން އެންމެ ގިނައިން ބައި ކޮޅަށް ލަނޑު ޖަހާފައިވަނީ 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައެވެ. އެއީ 6 ގޯލެވެ. މިއަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައިވެސް ބައި ކޮޅަށް ލަނޑެއް ވަނތްތަން ފެނުނެވެ. ކްރޮއޭޝިޔާގެ މާރިއޯ މަންޒޫކިޗު ބައިކޮޅަށް ޖެހި ގޯލަކީ، މިހާތަނަށް ވޯލްޑް ކަޕުގެ ފައިނަލް މެޗެއްގައި ބައިކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.

އުމުރުން ދުވަސްވީ ކުޅުންތެރިންނަކީވެސް ވޯލްޑް ކަޕުގައި ފާހަގަކޮށްލެވޭ ބައެކެވެ. މިގޮތުން މިސްރާއި ސަޢުދީ ޢަރަބިއްޔާ ވާދަކުރި މެޗުގައި މިސްރުގެ ގޯލު ބެލެހެއްޓި އިސްސާމް އަލް ހަދާރީއަކީ މިހާތަނަށް ވޯލްޑް ކަޕު މެޗެއްގައި ކުޅުނު އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާގެ އުމުރަކީ 45 އަހަރާއި 161 ދުވަހެވެ. މީގެ ކުރިން މިރެކޯޑް އޮތީ ކޮލަމްބިއާ ކުޅުންތެރިއެއްގެ އަތުގައެވެ.
މިއަހަރުގެ މުބާރާތުގައި ވަނީ ވޯލްޑްކަޕުގައި ކެޕްޓަނެއްގެ ގޮތުގައި އެންމެ ގިނަ އަހަރު ކުޅުމުގެ ރެކޯޑްވެސް ކުޅުންތެރިޔަކު ޤާއިމުކޮށްފައެވެ. މިގޮތުން މުބާރާތުގައި ވާދަކުރި މެކްސިކޯ ޓީމުގެ ކެޕްޓަން ރަފޭލް މަކޭޒް ވަނީ 2002، 2006، 2010، 2014 އަދި މިއަހަރުގެ މުބާރާތާއެކު 5 ވޯލްޑް ކަޕުގައި ކެޕްޓަންގެ މަޤާމު އަދާކޮށްފައެވެ.