މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވި 2 މަހާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. މި މަހުގެ މިހާތަނަށް ރާއްޖެއަށް 168،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައި މަހުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ 2 މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
ޖުލައި މަހުގެ 28 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 168،112 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު %11.8 އިތުރު އަދަދެކެވެ.
މިއަހަރުގެ މެއި މަހު ރާއްޖެ އައިސްފައިވަނީ 135،614 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެ އައިސްފައިވަނީ 141،772 ފަތުރުވެރިންނެވެ. އެހެންކަމުން ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،276،242 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6004 ފަތުރުވެރިން އާދެއެވެ.
* ޗައިނާ: 184،661 ފަތުރުވެރިން
* ރަޝިއާ: 150،607 ފަތުރުވެރިން
* އިނގިރޭސިވިލާތް: 119،958 ފަތުރުވެރިން
* އިޓަލީވިލާތް: 92،639 ފަތުރުވެރިން
* ޖަރުމަނުވިލާތް: 90،678 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއައި ފަތުރުވެރިންގެ %73.1 އައިސްފައިވަނީ ރިސޯޓްތަކަށެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ %22.1 އެވެ. ހޮޓަލްތަކަށް އައި ފަތުރުވެރިންގެ އަދަދަކީ %2.7 އެވެ.
ސަރުކާރުން މި އަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ.