ޚަބަރު

ދެވަނަ ކުއާޓަރގައި ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 558 މިލިޔަން ރުފިޔާ


  • މިއީ 12.3 އިންސައްތަ އިތުރު އަދަދެއް

  • ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިޔަން ވަނީ ލިބިފަ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 558 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް ލިބުނު ފައިދާއާއި އަޅާ ބަލާއިރު 12.3 އިންސައްތަ އިތުރު އަދަދެކެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 497 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އާންމުކޮށްފައިވާ އެބޭންކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިޔަން ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 698 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިޔަން ރުފިޔާ އެ ބޭންކަށް ލިބިފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓަރ ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ 21.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާއެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ވޭތުވެދިޔަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުވެސް މިކުއާޓާގައި ވަނީ އިތުރަށް ފުޅާކޮށްފައެވެ.

މީގެ އިތުރުން ދެވަނަ ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ވަނީ "އީއެންވީ ޕީއޯއެސް" ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެކަމަށާއި، މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތެއް ފޯރުކޮށްދެއެވެ.