ޚަބަރު

ޕްރިޒަން އޮފިސަރުން ތަމްރީންކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި


  • މި ތަމްރީނު ޕްރޮގުރާމަކީ ކަރެކްޝަނަލް ސާވިސް އާއި ޔޫއެންއޯޑީސީ ގުޅިގެން

  • ޕްރޮގުރާމްގައި ޖުމްލަ 69 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވޭ

  • ޕްރޮގުރާމުގެ އަމާޒަކީ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަހުލުވެރިކުރުވުން

އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ރާއްޖޭގެ ޕްރިޒަން އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން ވިދާޅުވީ މި ތަމްރީނުތަކަކީ އދގެ ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އާއި ބެންގްކޮކް ރޫލްސްއާ ގުޅޭގޮތުން، ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއިއެކު، ހިންގާ ޕްރޮގުރާމެއް ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ވިދާޅުވީ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 69 އޮފިސަރުންގެ މެދުގައި 3 ގުރޫޕަކަށް ބަހާލާގެންކަމަށެވެ. އަދި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އައްސޭރި ޖަލާއި، ހުޅުމާލޭ ޖަލު އަދި މާފުށީ ޖަލުގައިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މި ތަމްރީނުތަކުގައި ކިޔަވައިދެއްވާފައިވަނީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް މރ. އެލިއުޑް އޮޕިލޯކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ.

މީގެއިތުރަށް، މި ތަމްރީނުތަކުގެ އަމާޒަކީ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށާއި ބެންގްކޮކް ރޫލްސްއަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޕްރިޒަން އޮފިސަރުން އަހުލުވެރިކުރުވައި، ޖަލު އޮފިސަރުން ތަރައްޤީކުރުންކަމަށް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެއެވެ.

ބެންގްކޮކް ރޫލްސްއަކީ، ޤައިދީންގެ ގޮތުގައި އަންހެނުން ޖަލުތަކުގައި ހައްޔަރުކުރުމުން އެ މީހުންނަށް ކުރިމަތިވެދާނެ އެކިކަހަކަ ކަންކަމާއި ގުޅޭގޮތުން ޖަލުތަކުގައި އުޅޭ އޮފިސަރުންނާއި، ޤާނޫނު ހަދާ ފަރާތްތަކުން ޢަމަލު ކުރާނެ ގޮތްތައް އެކުލަވާލާ 70 މާއްދާގެ މައްޗަށް 2010 ވަނަ އަހަރުގެ ޔޫއެން ޖެނެރަލް އެސެންބްލީގައި ފާސްކޮށްފައިވާ ޤަވާޢިދެކެވެ.

މި ޕްރޮގުރާމުގެ އިތުރުންވެސް، ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންގެ ހުނަރު އިތުރުކުރުމަށް ގިނަ އަދަދެއްގެ ތަމްރީނު ޕްރޮގުރާމުތައް ކަރެކްޝަނަލް ސާވިސް އާއި ބައިނަލްއަޤުވާމީ އެކި ޖަމިއްޔާތަކާއި ގުޅިގެން އަންނަނީ ހިންގަމުންނެވެ.