ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިވަޑައިގެންފިއެވެ. މަޖިލީހުން މިގޮތަށް އެދިވަޑައިގެންފައި މިވަނީ މަޖިލީހުން ޢާންމުކުރާ މަޢުލޫމާތުތަކުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ހިފައި ޢާންމުންނަށް އޮޅުންއަރާ ގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދިއުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކުރެއްވި ނޫސް ބަޔާނެއްގައި ވަނީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުކުރަމުން ގެންދާ މަޢުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ޢާންމުންނަށް އޮޅުންއަރާ ގޮތަށް އެ މަޢުލޫމާތުތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މަޢުލޫމާތު ހިއްސާކުރާއިރު، ޒިންމާދާރުކަމާއެކީ މަޢުލޫމާތު ހިއްސާކުރުމަށާއި މަޢުލޫމާތުގެ ތެދުދޮގު ކަށަވަރުކުރުމަށް މަޖިލީހުން އެދިވަޑައިގެންނެވިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި ޝާމިލުވާ ކޮމިޓީތަކުގެ މަޢުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަމަށާއި މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރިއަށްގެންދާކަމަށް މަޖިލީހުން ވިދާޅުވިއެވެ.
މަޖިލީހުން ވިދާޅުވީ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމަށް އޮތް އުސޫލުގެ މަގުސަދަކީ ހޭލުންތެރިކަން އިތުރުކުރުމާއި މަޢުލޫމާތު މުއްސަނދިކުރުމާއި ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުން ކަމަށެވެ. އަދި މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި ކަންހިނގާ ގޮތަށް އަހުލުވެރިކުރުމާއި ޢާންމު މައްސަލަތަކާއި ޤައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް މަޖިލީހުންގެ އިދާރާއިން ވިދާޅުވިއެވެ.