1974ގައި އެމެރިކާގެ ސިޓީއެއް ކަމުގައިވާ ސިއޭޓަލަށް އުފަން ލިންޑާ ބަކް މަޝްހޫރުވެފައި ވަނީ ވަސްދުވުމުގެ ހިއްސުގެ ނިޒާމާ ގުޅޭ ގޮތުން ހޯދާފައިވާ ކުރިއެރުންތަކުންނާއި ކޮށްފައިވާ ދިރާސާތަކުންނެވެ. އިންސާނުންގެ ވަސްދުވުމުގެ ހިއްސު މަސައްކަތް ކުރާ ގޮތާ މެދު ވިސްނައި އެއާ ބެހޭ ގޮތުން ހިތުގައި ހުރި ސުވާލުތަކަށް ޖަވާބެއް ހޯދަން ފެށި ދަތުރު ވެގެން ދިޔައީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ދަތުރަކަށެވެ. ފަހަރުގައި އޭނާގެ އުފެއްދުންތެރި، ޝައުގުވެރި ވިސްނުންތަކާއި ޚިޔާލުތަކަކީ ވާރުތަވެފައިވާ ކަމެއް ކަމުގައި ވެދާނެއެވެ. ސަބަބަކީ ބަކްގެ މައިންބަފައިންނަކީ ވެސް، ޕަޒްލްތަކާއި ތަފާތު އީޖާދުތައް މަސައްކަތް ކުރާ ގޮތް ދެނެގަތުމަށް ޚާއްޞަ ޝައުގުވެރިކަމެއް ދޭ ބަޔަކަށްވުމެވެ. އޭނާގެ މައިންބަފައިންގެ ހުވަފެންތަކުގައި ކުލަ ޖައްސާލީ ދިރިއުޅުމުގައި ތަފާތު އަގުހުރި މަސައްކަތްތަކެއް ކޮށްގެންނެވެ.
ސައިކޮލޮޖީގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވި ކަމާ މެދު އުފެދުނު ޝައްކުތަކުގެ ތެރެއިން ޔުނިވަރސިޓީ އޮފް ވޮޝިންގްޓަނުގައި ކިޔަވަމުން ދިޔަ ބަކް ގިނަ ވަގުތު ދަތުރުތަކުގައި ހޭދަކޮށް ކުލާސްތަކަށް ހާޒިރުވާ މިންވަރު މަދުވިއެވެ. ނަމަވެސް ބަޔޮލޮޖީއަށް އޭނާގެ ޝައުޤުވެރިކަން ބޮޑުވީ 1975ވަނަ އަހަރު ނެގި އިމިއުނޮލޮޖީ ކުލާހަކުންނެވެ. އޭގެ ދިހަ އަހަރު ފަހުން އުމުރުން 28 އަހަރުގައި ބެޗްލަރސް އޮފް ސައިންސް ހަދައި މައިކްރޯބަޔޮލޮޖީއާއި ސައިކޮލޮޖީން ޑިގްރީއެއް ހަދައި ގްރެޖުއޭޓުވިއެވެ. އަދި އޭގެ ފަހުން ކޮލޮމްބިޔާ ޔުނިވަރސިޓީން ބަކް ވަނީ ޕީއެޗްޑީއެއް ވެސް ހާސިލްކޮށްފައެވެ.
ނިއުރޯސައިންޓިސްޓެއްގެ ގޮތުގައި ލެބް އޮފް ރިޗާރޑް އެކްސެލްގައި ކަނޑުގައި ދިރިއުޅޭ ފިނިހައެއްގެ ނާރުތަކުގެ ނިޒާމުގެ މޮލެކިއުލަރ ސްޓްރަކްޗަރާ ބެހޭގޮތުން ބަކް ކުރިޔަށް ގެންދިޔަ ދިރާސާއިން އޭނާ އެންމެ ހައިރާންވީ ސިކުނޑީގައި ހުންނަ ތަފާތު ބާވަތްތަކުގެ ނާރުތަކުންނެވެ. އަދި ވަސްދުވުމުގެ ނިޒާމާ މެދު ޝައުޤުވެރިކަން އުފެދުނީ އެކިއެކި ވަސްތައް ދެނެގަތުމާ ގުޅޭގޮތުން ހުރި މެކޭނިޒަމް ތަކާ ބެހޭ ލިޔުމެއް ކިޔުމުންނެވެ. އެ ލިޔުން ކިޔާލުމާއެކު އޭނާގެ ހިތުގައި ތަފާތު ސުވާލުތައް އުފެދިގެން ދިޔައެވެ. އިންސާނުންނާއި އެހެނިހެން ޖަނަވާރުތައް ވަކިން ޚާއްޞަކޮށް މެމަލްސަށް 10،000އަށް ވުރެ ގިނަ ތަފާތު ވަސްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބެނީ ކިހިނެއް ކަމާއި ގާތްގަނޑަކަށް އެއްކަހަލަ ކެމިކަލްތަކަކުން ދުވާ ވަސް ތަފާތު ވަނީ ކީއްވެގެންކަން ހޯދުމަށް ބަކް ފެށީ ދިގު ދަތުރެކެވެ.
އެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް އޮޑަރ ރިސެޕްޓަރސް ހޯދުމަށް 1988ވަނަ އަހަރުން ފެށިގެން 3 އަހަރު ވަން ދެން ބަކް ހުއްޓުމެއް ނެތި މަސައްކަތް ކުރިއެވެ. އެ ދިރާސާގެ ނަތީޖާ 1991ވަނަ އަހަރު ޝާއިއުކުރިއެވެ. އެ ދިރާސާގެ ދަށުން ބަކްއާއި އެކްސެލް ވަނީ މީދާގެ ނޭފަތުގައި ހުންނަ އޮލްފެކަޓަރީ އެޕިތީލިޔަމްގައި ހުންނަ ތަފާތު 1000 އޮޑަރ ރިސެޕްޓަރސް ހޯދާ އޭގެ މަޢުލޫމާތު ހޯދާފައެވެ. އޭނާގެ ދެވަނަ ސުވާލަށް ޖަވާބު ހޯދުމުގެ ގޮތުން ވަސްދުވާ ނިޒާމުން ތަފާތު ވަސްތައް ދެނެގަންނަ ގޮތާމެދު ދިރާސާކުރަން އަނބުރާ ހާވާރޑް ޔުނިވަރސިޓީއަށް ގޮސް ދިރާސާ ކުރަން ފެށިއެވެ. އަދި 1999ވަނަ އަހަރު އެ ދިރާސާ ފުރިހަމަކޮށް ދެން ދިރާސާ ކުރަން ފެށީ ވަހާއި ސިކުނޑީގެ ހަނދާންތަކާ ގުޅިފައިވާ ގޮތާ ބެހޭ ގޮތުންނެވެ.
2001ވަނަ އަހަރު ބަކްގެ އުމުރުން 54 އަހަރުގައި އޭނާ ހާވާރޑްގެ ޕްރޮފެސަރަކަށްވެ އޭނާގެ ދިރާސާތައް ޝާއިއުކުރިއެވެ. އަދި އެ ދިރާސާގެ ތެރެއިން ބަކް ވަނީ ވަސްދުވާ ހިއްސުގެ ނިޒާމާ ގުޅޭ ހޯދުންތަކެއް ހުށަހަޅާފައެވެ. 2002ވަނަ އަހަރު ބަކް އެނބުރި ސިއޭޓަލަށް ގޮސް ފްރެޑް ހަޗިންސަން ކެންސަރ ސެންޓަރުގައި ލެބޯޓްރީއެއް ޤާއިމްކުރިއެވެ. އެ ލެބުގެ މައިގަނޑު މަޤްސަދަކީ ވަސްދުވުމުގެ ނިޒާމާ ގުޅޭ ގޮތުން އިތުރު ދިރާސާތަކެއް ކުރާށެވެ.
ބަކްއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކަށް ވެގެން ދިޔައީ 2004ވަނަ އަހަރު އޭނާއާއި އެކްސެލަށް ލިބުނު ނޯބަލް ޕްރައިޒް އެޥޯޑެވެ. އޭނާގެ އުއްމީދަކީ ސައިންސްގެ ދާއިރާއިން ކުރިޔަށްދާ އަންހެނެއްގެ ހައިސިއްޔަތުން ނޯބަލް ޕްރައިޒް ހާސިލް ކުރެވުމުން އެހެން ދާއިރާތަކުގައި އުޅޭ އަންހެނުންނަށް ވެސް ހިތްވަރު ލިބުމަށެވެ. ބަކްގެ އިލްތިމާސަކީ، ކޮންމެ މީހަކު ވެސް، އެ މީހެއް އެންމެ ލޯބިކުރާ އަދި އެންމެ ޝައުޤުވެރިކަން އޮންނަ ކަންކަން ކުރުމެވެ. އޭނާ ބުނާ ގޮތުގައި މުހިންމު ބޮޑެތި ހޯދުންތައް ހޯދުމުގެ ސިއްރަކީ އެއީއެވެ.