ޢާއިލީ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ބާރު އަޅުއްވާފައިވާކަމެކެވެ.
ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިވެ ހާލު އަހުވާލު ބަލާ ޒިޔާރަތްކޮށް ހަދިޔާ ބަދަލުކޮށް ހެދުމަކީ އެކަމުގެ ސަބަބުން ޢާއިލީ ގުޅުން ރަނގަޅުވެ، އެ މުޖުތަމަޢުއެއްގެ އިޖްތިމާޢީ ފޭރާން ވަރުގަދަވާނެ ކަމެކެވެ. ޚާއްސަކޮށް އަޅުގަނޑުމެންނާއި ބައްދަލު ކުރި މި ބަރަކާތްތެރި ރަމަޟާންމަހު ޢާއިލީ ގުޅުން ހީނަރުވިޔަނުދީ އިތުރަށް ބަދަހިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންވާނެއެވެ.
ޢާއިލީ ގުޅުމަކީ އިސްލާމްދީނުގައި އެހާމެ މާތް އަދި އެހާމެ މަތިވެރި މުހިއްމު ގުޅުމެކެވެ. ޢާއިލީ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެކަމަށް ކީރިތި ޤުރުޢާނުގައި އަންގަވާފައި އޮތުމުންވެސް މިގުޅުމުގެ މުހިންމުކަމާއި މަތިވެރިކަން ހާމަވެގެން ދެއެއެވެ.
އަހަރެމެން މި ކުޑަ މުޖްތަމަޢުގައި ޢާއިލީ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުއްޓެއެވެ. އެގޮތުން ޢާއިލީ ގުޅުން ބަދަހިކުރުމަށް ބައެއް ޢާއިލާތަކުގައި "ޢާއިލާ އާއެކު" ގެނަމުގައި ވަކި ދުވަހެއް ކަނޑައަޅާ ވަގުތު ހޭދަކުރެއެވެ. ޢާއިލާއާ ދުރުގައި ތިބޭނަމަ މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނަކަށްވުމުން ސޯޝަލް މީޑިއާގެ ޒަރިއްޔާއިންވެސް ގުޅުން ބަދަހި ކުރުމަކީ އުނދަގޫކަމަށް ނުވެއެވެ. ފެމެލީ ގްރޫޕްތައް ހަދައި ވީޑީއޯ ކޯލްކޮށްގެން ހާލު އަހުވާލު ބެލުމަކީ މި ޒަމާނުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެކެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ކުރާ ނަމާދާއި ތަރާވީޚު ނަމާދު ކުރުން، އަދި އެކީގައި ޤުރްއާން ކިޔެވުމަކީ ރޫހާނީ ގޮތުން ހަމައެކަނި ތިމާގެ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމެއް ނޫނެވެ. އެކީގައި ނަމާދުކުރުމާއި ޤުރްއާން ކިޔަވަން ވަގުތު ހޭދަކުރުމުގެ ސަބަބުން ޢާއިލާގެ މެދުގައިވެސް ގުޅުން ބަދަހިވެގެން ދާނެއެވެ.
ދިރިއުޅުމަށް އާމްދަނީ ހޯދުމަށްޓަކައި ރަމަޟާންމަހުވެސް މަސައްކަތްކުރަން ޖެހޭއިރު, އާންމު ގަޑިތަކަށްވުރެ ރަމަޟާން މަހު މަސައްކަތްކުރަން ޖެހޭ ގަޑިތައް މަދުވާނެއެވެ. އެހެންކަމުން މަސައްކަތްތައް ނިންމާލުމަށްފަހު އެ ލިބޭ ހުސް ވަގުތުތަކުގައި ޢާއިލާ އާއެކު ހިނގާލަން ނުކުތުން, ނުވަތަ ގޭތެރޭގައި ރޯދަ ވީއްލުމަށް ސުފުރާމަތި ތައްޔާރުކުރުން ފަދަ ކަންކަމުގައި ޝާމިލުވުމަކީވެސް ޢާއިލާ މެންބަރުންގެ މެދުގައި ލޯތްބާއި ގުޅުން ބަދަހިވުމަށް ކުރެވިދާނެ ކަންކަމެވެ.
ދުނިޔެވީ ކަންކަމުގައި ކިތަންމެ ބިޒީކޮން އުޅުނަސް އަމިއްލަ ޢާއިލާއަށް ވަގުތު ހޯދާށެއެވެ. ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅޭމީހަކުވެސް ޢާއިލާއަށް ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރުމަކީ ލާޒިމްކަމެކެވެ.
މި ބަރަކާތްތެރި ރަމަޞާންމަހު ތިމާއާއި ތިމާގެ ޢާއިލާގެ ދުޅަހެޔޮކަމަށް ޢާއިލީ ގުޅުން ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަމާތޯއެވެ. ހަމަގައިމުވެސް މިކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް އެކަމުގެ ހެޔޮ އަސަރުކުރާނެކަން ޔަޤީނެވެ.