ޚަބަރު

ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށީ ރައީސްގެ ވިސްނުންފުޅުގެ ދަށުން


ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފު ކުރަންފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ކުރަންފެށި ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

މިކަން ފެށިއިރު އުނދަގޫތަކާއި ކުރިމަތިވި ކަމަށާއި މައުލޫމާތުތައް ކުޅިވަރު ވުޒާރާގައިވެސް ފެންނަން ނެތުމަކީ ދިމާވި ބޮޑު ދައްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް ކުޅިވަރުގައި ލިބިފައިވާ ކާމިޔާބީތައް އެއްތަނަކުން ފެންނަން ނެތްކަމަށާއި ހުރިތަނެއްގައިވެސް ހުރީ ވަރަށް މަދު މައުލޫމާތެއް ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.

އެ މައުލޫމާތުތައް ހޯދަން ޖެހުނީ އެކި މީހުންގެ އަތުން ވަރަށް އުނދަގުލުން ކަމަށާއި އެހެންނަމަވެސް މި މައުލޫމާތުތައް ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ ދަށުން ކުަޅިވަރުގެ ޖީލުތައް ބިނާ ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި” ވަޒީރު ވިދާޅުވިއެވެ.

އަދި ހާއްސަކޮށް ކުޅިވަރުގެ ވުޒާރާއިން ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ މިހާރުގެ ޒުވާން އެތުލީޓުންނަށް ރާއްޖެއަށް ހިދުމަތްކޮށްފައި ތިބި އެތުލީޓުންގެ މައުލޫމާތާއި އެ ކާމިޔާބީ ހޯދުނު ގޮތްތައް އިނގެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

“މޮޅެތި އެތުލީޓުންނަށް އެ ކާމިޔާބީތައް ހޯދުނީ ކިހިނެތްތޯ. ކޮބާތޯ އެ ސަކްސަސް ފޯމިއުލާއަކީ. އަދި ހަމަ އެއާއެކު ކުޅިވަރަށް ހިދުމަތްކޮށްފަ ތިއްބެވި ބޭފުޅުން އެބޭފުޅުންގެ މަސައްކަތްތައްވެސް އެނގުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އަޅުގަނޑު ދެކެން” ވަޒީރު ވިދާޅުވިއެވެ.

ސަބަބަކީ ކުޅިވަރެއް ކުރިއަރައިގެން މި ދަނީ އެކި ރޮނގުރޮނގުން ވަރަށް ބައިވަރު މީހުން މަސައްކަތްކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެތުލީޓުންނާއި އެތުލީޓުންނަށް އެކި ގޮތްގޮތުން އެހީތެރިވެދޭން ތިބޭ މީހުންނާއި ރާއްޖޭގައި މިދާއިރާތަކުން މަސައްކަތް
ކޮށްފައި ތިބީ މީހުން ކަންކަންކޮށްފައި ހުރި ގޮތް އެނގެން ޖެހޭ ކަމަަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުޅި އުމުރު ކުޅިވަރުގެ ދާއިރާއަށް ހިދުމަތްކުރުމުގައި ހޭދަކުރި މީހުންގެ އެ ޝައުގުވެރިކަން އަލުން ގެންނަންޖެހޭކަމަށާއި ކަމެއް ކާމިޔާބު ވަނީ އެކަމެއް ކުރާ ހިތުން ކުރީމަކަން ކުދިންނަށް އިނގެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.