ލައިފް ސްޓައިލް

ކުލްޝަރީފް މިސްކިތް - މިސްކިތެއްގެ އިތުރުން ދާރުލްއާސާރެއް


ރަޝިޔާގެ ހުޅަނގު އުތުރު ކަޒާން ސިޓީގައި ބިނާކޮށްފައިވާ ކުލްޝަރީފް މިސްކިތް ފުރަތަމަ ފަހަރަށް ފެނުމުން ކޮންމެ މީހަކުވެސް ހިތަށް އަރާނީ މިއީ ގަނޑުވަރެއްކަމަށެވެ. ނަމަވެސް ވަށައިގެންވާ މުންނާރުތަކާއި އިސްލާމީ ފަރުމާތަކުން މިއީ ގަނޑުވަރަކަށްވުރެ ތަފާތު ތަނެއްކަން ހާމަވެއެވެ. ރަޝިޔާގެ މުސްލިމުންގެ އާބާދީ ބޮޑު ކަޒާން ސިޓީގައި ބިނާކޮށްފައިވާ ކުލްޝަރީފް މިސްކިތަކީ ދިގު ތާރީޚެއް އޮތް މިސްކިތެކެވެ. މިހާރު މިފެންނަ ގޮތަށް މިމިސްކިތް ބިނާކޮށްފައިވަނީ ފަހު ތަރީޚެއްގައި ނަމަވެސް، މި މިސްކިތް ހުރި ތަނުގައި މިލާދީން 16 ވަނަ ޤަރުނުގެ ތެރޭގައިވެސް މިސްކިތެއް ބިނާކޮށްފައިވެއެވެ.

އެޒަމާނުގައި ކަޒާންގައި އުޅުއްވި ކުލްޝަރީފް ނަމަކަށްކިޔާ ޢިލްމުވެރިއަކަށް ނިސްބަތްވާ މި މިސްކިތަކީ ކަޒާންގައި ދިރިއުޅޭ ޓާޓަރ ދަރިކޮޅުގެ މީހުންގެ ހުނަރާއި ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މިސްކިތެކެވެ. ނަމަވެސް މީލާދީން 1552 ވަނަ އަހަރު ރަޝިޔާގެ ރަސްކަލެއް ވަނީ ކަޒާން އަށް ހަމަލާދީ، އެމިސްކިތް ބިމާ ހަމަކޮށްލާފައެވެ. އެއަށްފަހު 1996 ވަނަ އަހަރު މިސްކިތް ހުރި ތަނުގައި، އަލުން އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ފެށިއެވެ. ކަޒާންގެ ސަރަޙައްދީ ސަރުކާރުން މިސްކިތް އަލުން ޢިމާރާތްކުރުމަށް ހިންގެވި މަޝްރޫޢަށް ސަޢުދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. 1996 ވަނަ މިސްކިތް އަލުން ޢިމާރާތްކުރުމަށް ފެށި މަސައްކަތް ނިންމާ، މިސްކިތް ހުޅުވާފައިވަނީ ކަޒާން ސިޓީގެ 1000 ވަނަ އަހަރީ ދުވަހާ ދިމާކޮށް، 2005 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.

މިސްކިތް އަލުން ބިނާކޮށް ނިންމާލިއިރު، ކަޒާންގައި އުޅޭ ޓާޓަރ ދަރިކޮޅުގެ މީހުންގެ ސަޤާފަތާއި ހުނަރުވެރިކަމުގެ އިތުރުން ޒަމާނީ އާޓިޓެކްޗަރ ފެނިގެންދެއެވެ. އަދި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތުގެ އަސްލާ އެއްގޮތަށް މިސްކިތް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެންމެ މަތީ ފެންވަރަށެވެ. މިސްކިތް ޖަރީ ކުރުމަށް ގްރެނައިޓްއާއި މާބުލް ފަދަ ތަފާތު މައުދަންތައް ބޭނުންކޮށްފައިވެއެވެ.
މިމިސްކިތަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު އެއް މިސްކިތަށްވާއިރު، މިސްކިތުގެ އެތެރޭގައި 1500 މީހުންނަށް ނަމާދު ކުރެވޭއިރު، މިސްކިތުގެ ގޯތި ތެރޭގައި ދިހަ ހާސް މީހުންނަށް ނަމާދު ކުރެވޭނެއެވެ.
ކުލްޝަރީފް މިސްކިތުގައި ނަމާދު ކުރާ ތަނުގެ އިތުރުން، މިއުޒިއަމް ލައިބްރަރީއަކާއި އެހެނިހެން ބައެއް އޮފީސްތައް ހިމެނެއެވެ. ކުލްޝަރީފް މިސްކިތަކީ މިހާރު މިސްކިތަކަށްވުރެ ބޮޑަށް އިސްލާމީ އިލްމާއި ސަޤާފަތް ދައްކުވައިދޭ ދާރުލްއާސާރެކެވެ. ނަމަވެސް ބައެއް މުނާސަބަތުތަކުގައި ކަޒާންގައި ދިރިއުޅޭ މީހުން މިމިސްކިތުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރެއެވެ.