ޚަބަރު

ކްއާޓާ ފައިނަލްގެ ބޮޑު ދެ މެޗު ހުކުރު ދުވަހުގެރޭ


  • []

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލްގައި ކުރިއަށް އޮތީ ކްއާޓާ ފައިނަލް މެޗުތަކެވެ. ކްއާޓާ ފައިނަލް 4 މެޗު ތާވަލް ކޮށްފައި ވަނީ ކުރިއަށް އޮތް ހަފްތާ ބަންދަށެވެ. ހުކުރު ދުވަހުގެރޭ ދެ މެޗު އަދި ހޮނިހިރު ދުވަހުގެރޭ ދެ މެޗެވެ.

ކްއާޓާ ފައިނަލުން ޖާގަ ހޯދި ޓީމްތަތަކީ ޖަރުމަނު، ސްޕެއިން، ފްރާންސް، ޕޯޗްގަލް، ސްވިޒަރލެންޑް، އިންގްލެންޑް އަދި ތުރުކީ އެވެ. ހުކުރު ދުވަހުގެރޭ ކުޅޭ ދެ މެޗަކީ ވެސް ސަމާލުކަމާއި ޝައުގުވެރިކަން ބޮޑު ކްއާޓާ ފައިނަލް ދެ މެޗެވެ. ދެ މެޗުގައި ވާދަކުރާ ހަތަރު ޓީމަކީވެސް ދިވެހިންގެ މެދުގައި މަގުބޫލް ސަޕޯޓަރުން ގިނަ ހަތަރު ޓީމެވެ. ކްއާޓާ ފައިނަލް ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. މީގެތެރެއިން ސްޕެއިން އަކީ ސައްތައިން ސައްތަ ރެކޯޑާއެކު އޮތް ހަމައެކަނި ޓީމެވެ. އެމީހުން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު ޖަރުމަނުގައި ޖަރުމަނާ ދެކޮޅަށް އޮތީ ޒުވާން ކުޅުންތެރިންގެ މައްޗަށް އޮތް ސްޕެއިންގެ ހަގީގީ އިމްތިހާނެވެ.

ހުކުރު ދުވަހުގެރޭ ދަންވަރު އޮތީ އެމްބާޕޭއާއި ރޮނަލްޑޯގެ ކުރިމަތިލުމެވެ. ފްރާންސާއި ޕޯޗްގަލް އެވެ. ޕޯޗްގަލް އަކީ ގަދަ 16 ޓީމް ވާދަކުރި ބުރުގައި ޕެނަލްޓީން ނަތީޖާ ނެރެގެން ކްއާޓާ ފައިނަލަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. ފްރާންސް ކްއާޓާ ފައިނަލަށް ދަތުރުކުރީ 1-0 ން ބެލްޖިއަމް ބަލިކޮށްގެންނެވެ. މުބާރާތުގައި ފްރާންސްގެ ލަނޑު ޖެހުމުގެ ރޭޓް ވަރަށް ދަށެވެ. ކުޅުމުގެ ތެރެއިން ފުރުޞަތު ހޯދައިގެން އަދި ލަނޑެއް ނުޖެހެއެވެ. ހުކުރު ދުވަހުގެރޭ ކުޅޭ ކްއާޓާ ފައިނަލް ދެ މެޗަކީ:

- 21:00 - ޖަރުމަނު / ސްޕެއިން. (5 ޖުލައި 2024 )
- 00:00 - ޕޯޗްގަލް / ފްރާންސް (6 ޖުލައި 2024 / ހުކުރު ދުވަހުގެރޭ ދަންވަރު )

ހޮނިހިރު ދުވަހުގެރޭ ކާއްޞަ ވަނީ އިންގްލެންޑަށެވެ. އެރޭގެ ފުރަތަމަ މެޗުގައި ކްއާޓާ ފައިނަލް ތިންވަނަ މެޗުގައި އިންގްލެންޑް ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ. އަދި އެރޭ ދަންވަރު ތުރުކީ ވާދަކުރާނީ ނެދަލެންޑްސްއާއެވެ. މި ހަތަރު ޓީމް އޮތް ފަޅިއަށް ބަލާއިރު އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އިންގްލެންޑަކީ އެންމެ ހައިރާންކުރުވަނިވި ގޮތަކަށް ކްއާޓާ ފައިނަލަށް ދަތުރުކުރި ޓީމެވެ. 1-0 ން ސްލޮވާކިޔާ އަތުން ބަލިވެ، ކަޓަން ދަނިކޮށް ސަލާމަތްވީ އިތުރު ވަގުތުގެވެސް ފަހު ސިކުންތް ކޮޅުގެ ތެރޭގައި ޖޫޑް ބެލިންގހަމް ޖެހި މޮޅު ގޯލުންނެވެ. ކްއާޓާ ފައިނަލް ޔަގީން ކުރީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފް ތެރެއިން ފުރަތަމަ ހާފްގައި ކެޕްޓަން ކޭން ޖެހި ލަނޑުންނެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭ ކްއާޓާ ފައިނަލް ދެ މެޗަކީ:

- 21:00 - އިންގްލެންޑް / ސްވިޒަރލެންޑް. (21:00 )
- 00:00 - ނެދަލެންޑްސް / ތުރުކީ. (00:00 / ހޮނިހިރު ދުވަހުގެރޭ ދަންވަރު )