ޚަބަރު

ޣައްޒާއަށް ވިޔަފާރި މުދާ އެތެރެކުރުން ހުއްޓުވައި، ހައިހޫނުކަމުގެ ބިރުވެރިކަން!


ފަލަސްޠީނުގެ ޣައްޒާގެ ވިޔަފާރިވެރިންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމްޢާތާ ދެމެދު ޓެކުހުގެ މައްސަލަތަކެއް އުފެދިފައިވާ ކަމަށް ބުނެ، ޣައްޒާއަށް ވިޔަފާރި މުދާ އެތެރެވުން ހުއްޓިފައިވާތާ ދެ ދުވަސް ވެފައިވާ ކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޔަހޫދީ ދައުލަތުގެ މި ރަހުކުކުޑަ ފިޔަވަޅުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ހައިހޫނުކަމުގެ ވޭން ތަޙައްމަލުކުރަމުންދާ ޣައްޒާގެ ކުށެއްނެތް ޢާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ލިބުމަށް ވަނީ އިތުރު ހުރަސްތަކެއް އެޅިފައެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމުގެ ކަންކަން ބަލަހައްޓާ ޔަހޫދީންގެ އަސްކަރިއްޔާގެ އިދާރާ އިން މިދިޔަ ބުދަ ދުވަހު ބުނީ، މުދާ އެތެރެކުރުން ވިޔަފާރިވެރިން ހުއްޓައިލީ، އެތެރެވާ ކޮންމެ ލޮރީއަކުން 3,220 އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށާއި، މުޢާމަލާތުގެ 30 އިންސައްތަ ނަގުދު ފައިސާއިން ދެއްކުމަށް ޙަމާސްއިން މަޖުބޫރުކުރުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ އޮފީހުން ހާމަކުރި ގޮތުގައި މިއީ މުދާ އުފުލާ ލޮރީތައް އެތެރެވުމަށް ޔަހޫދީ ދައުލަތުން އަޅާ ހުރަސްތަކުގެ ޒިންމާއިން ރެކި، އެކަން ޣައްޒާގެ އިދާރާތަކުގެ ބޮލުގައި އެޅުވުމަށް ހިންގާ ދޮގު މަޢުލޫމާތު ފެތުރުމުގެ މަސައްކަތެކެވެ. އަދި އެ ފީއަކީ ހުވަފަތް އަންހެނުންނާއި ޔަތީމުން ފަދަ ނިކަމެތިންނަށް އެހީވުމަށް ޤާއިމުކޮށްފައިވާ ފަންޑަކަށް އަމިއްލަ އިޚްތިޔާރުގައި ޙަދިޔާކުރާ އެއްޗެއް ކަމަށާއި، ނަގުދު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުން އެކަމަށް އިސްކަންދިން ނަމަވެސް އެއީ އެއްވެސް ޙާލެއްގައި މަޖުބޫރު ކަމެއް ނޫން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ޣައްޒާގެ އަމިއްލަ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ އިސްވެރިޔާ ވިދާޅުވީ، މުދާ އެތެރެވުމަށް ޙަޤީޤަތުގައި ހުރަސްއަޅަނީ ޔަހޫދީ ދައުލަތުން ކަމަށާއި، އިޤްތިޞާދާ ބެހޭ ވުޒާރާއިން ނަގާ ފީތަކަކީ ހަމައެކަނި ދައްކާ ބަހަނާއެއް ކަމަށެވެ.

މޭވާއާއި ފިނި މޫސުމުގެ ހެދުން ފަދަ ވިޔަފާރި މުދާ އެތެރެކުރުން ހުއްޓުމަކަށް އައުމަކީ، ފިނި މޫސުން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޣައްޒާގެ 2.1 މިލިއަން ރައްޔިތުންނަށް ކުރިމަތިވާނެ އިތުރު ތަކުލީފަކާއި ނިކަމެތި ކަމެކެވެ. ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ގޮދަންފުށް ފަދަ ޒަރޫރީ ކާޑުގެ ބާވަތްތައް ފޯރުކޮށްދިން ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ތާޒާ ކާބޯތަކެތި ޢާންމުކޮށް ގެންނަނީ އަމިއްލަ ވިޔަފާރިވެރިންނެވެ.

ނޯވޭޖިއަން ރެފިއުޖީ ކައުންސިލްގެ ތަރުޖަމާނު ޝައިނާ ލޯ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި އިންސާނީ އެހީއަށް ބަރޯސާވެގެން މުޅި އާބާދީގެ އަސާސީ ބޭނުންތައް ނުފުއްދޭނެއެވެ. އަދި ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓުމަށްޓަކައި ވިޔަފާރި މުދަލުގެ ބާޒާރުތައް ހިނގަންޖެހެއެވެ.

އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ ދުވަހަކުވެސް މަދުވެގެން 600 ލޮރީގެ މުދާ ޣައްޒާއަށް ވެއްދުމަށް ޔަހޫދީ ދައުލަތަށް ލާޒިމުކުރެއެވެ. ނަމަވެސް ޚާރިޖީ ބޭފުޅުންނާއި ލޮރީ ޑްރައިވަރުންގެ ޔޫނިއަނުން ހާމަކުރާ ގޮތުގައި، ދުވާލެއްގެ މައްޗަށް އެތެރެކުރެވެނީ ގާތްގަނޑަކަށް 300 އެއްހާ ލޮރީއެވެ. މީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ވިޔަފާރި މުދަލެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ހައިހޫނުކަމުގެ ޙާލަތު ދިރާސާކުރާ އިދާރާތަކުން އިންޒާރު ދީފައިވާ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މީހުންނަށް އިންސާނީ ކާރިސާއެއްގެ ދަރަޖައަށް ހައިހޫނުކަމާ ކުރިމަތިލާން ޖެހުމުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.