އާބާދީގައި 1100 އެއްހާ މީހުން ދިރިއުޅޭ އުކުޅަހަކީ ގެސްޓު ހައުސް ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެހެން ކަމުން އެރަށުގެ ބަނދަރު ފެނިގެން ދަނީ ވަރަށް ބާރުބޮޑު ބަނދަރެއްގެ ގޮތުގައެވެ .އެގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއަތޮޅުގެ ގިނަ ފެރީތަކާއި މާލެ ދަތުރުކުރާ ބޮޑެތި ލޯންޗު ފަހަރުވެސް އަންނަނީ އެރަށަށް ބަނދަރު ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އއ.އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ސަރުކާރުން އުކުޅަހުގައި މިހާރު ތަރައްގީ ކުރާ ބަނދަރުގެ ސަބަބުން އެރަށަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށާއި އަދި އެރަށުގެ ގެސްޓު ހައުސްގެ ވިޔަފާރި އިތުރަށް ފުޅާވެ އޭގެ ސަބަބުން ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއްވާނެ ކަމަށެވެ. މިހާރު އުކުޅަހުގައި ތަރައްގީ ކުރާ ބަނދަރާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވީ އުކުޅަހުގެ ބަނދަރު މިފެށޭ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިމާލެވޭނެކަމަށެވެ. އަދި މިމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ އުކުޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މި މަސައްކަތުގެ 92 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އުކުޅަހުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން، 138.73 މީޓަރުގެ ސަރަހެއްދެއްގައި ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރުޢުގެ މަސައްކަތަށް 19.9 މިިލިއަން ރުފިޔާގެ ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ.