ޚަބަރު

"ދިވެހިންނަށް އޮތީ ވަޒީފާ އެކަންޏެއް ނޫން، ވިޔަފާރީގެ ފުރުސަތުވެސް ލިބޭނެ"


  • މަޝްރޫޢު ނިމޭއިރު އެތަނުގައި 15،000 ވަޒީފާ އުފެދޭނެ

  • މަދުވެގެން 1500 ފިހާރަ ހުންނާނެ

  • ފިހާރަތައް ދޫކުރުމުގައި އިސްކަންދޭނީ ދިވެހިންނަށް

ރަސްމާލޭ ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢުގެ ތެރެއިން ދިވެހިންނަށް އޮތީ ހަމައެކަނި ވަޒީފާގެ ފުރުޞަތު ނޫން ކަމަށާއި، އެތަނުގައި ފިހާރަތައް ހިންގައި ވިޔަފާރި ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގައި އެކުންފުނިން ކުރިއަށް ގެންދަން ރާވަމުންދާ މަޝްރޫޢުއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ރަސްމާލޭގައި ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށް އެ މަޝްރޫޢުގެ ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުނިން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ތެރެއިން ދިވެހިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވިދާޅުވީ، އޭނާ ޤަބޫލުކުރައްވާ ގޮތުގައި މި މަޝްރޫޢުއަށް ބޭނުންވާ ހުރިހާ ސަޕްލައިއެއްވެސް ދިވެހިން އަތުން ލިބޭނަމަ ގަންނަން ޖެހޭނީ ދިވެހިން އަތުން ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މަޝްރޫޢޫގެ ތެރެއިން ދިވެހިންނަށް ލިބެނީ ހަމައެކަނި ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ނޫން ކަމަށާއި މިތަން ނިމޭއިރު މަސައްކަތް ކުރާނެ މީހުންވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަން އިމާރާތްކޮށް ނިމޭއިރު، އެތަނުގައި މަސައްކަތް ކުރަން 15،000 މީހުން ބޭނުންވާނެ. އެތަނުގެ ފިހާރަތައް ހިންގުމުން ފެށިގެން ގޮސް، މަރާމާތު ކުރުމާއި ބެލެހެއްޓުމަށް ބޭނުންވާނެ. ވިސްނާލައްވާ މިއީ ހުރިހާ އެއްޗެއް ގަންނަން ޖެހޭ ސަހަރެއް ކަމަށް. މަހުން ފެށިގެން ގަހާއި މެވާ އާއި ހަމައަށް ގަންނަންޖެެހޭނެ. އަޅުގަނޑު ޤަބޫލުކުރަނީ އިސްކަން ދޭންޖެހެނީ ދިވެހި ވިޔަފާރިތަކަށް ކަމަށް" އަލްއައްބާރު ވިދާޅުވިއެވެ.

ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް މިސަރަހައްދު ތަރައްޤީ ކުރެވިގެންދާއިރު އޮންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކުންފުނީން އެހެން ޤައުމުތަކުގައިވެސް މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ މި ބީދައިން ކަމަށާއި، މިއީ ކަމިޔާބު މޮޑެލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއައްބާރު ވިދާޅުވީ އެ ސަހަރުގައި ފިހާރަތައްވެސް ހުންނާނެ ކަމަށެވެ. އެތަންތަން ހިންގުމުގައި ދިވެހިންނަށް ފަހި ފުރުޞަތެއް އޮންނާނެކަން ފާހަގަކުރައްވާ އޭނާ ވަނީ މިތަންތަނަށް ވިޔަފާރިތައް ހޮވުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.

"ވިސްނާލައްވާ މިތަނުގައި ހުޅުވޭނެ ފިހާރަތަކުގެ އަދަދު. މަދުވެގެން 1500 ހުންނާނެ ކަމަށް ޤަބޫލުކުރަން. އެހެންވީމާ 1500 ވިޔަފާރިވެރިން އެއީ. އަޅުގަނޑުމެން މިތަންތަން ހިންގަން އިސްކަންދޭނީ ދިވެހިންނަށް. ބައެއް ފަހަރު އަޅުގަނޑުމެން މާލީ އެހީތެރިކަން ދެން. ބައެއް ފަހަރު މަރާމާތުކޮށްދެން. ބައެއް ފަހަރު ކުންފުނިތަކާއި ގުޅުވާލަ ދެން. ސުވާލަކީ އެކަން ކުރަން ބޭނުންތޯ؟" އަލްއައްބާރު ވިދާޅުވިއެވެ.

މިހާރު ހިއްކަމުންދާ ރަސްމާލޭގެ ބިމުން 500 ހެކްޓަރު، މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢޫއަށް ޚާއްސަ ކުރާނެއެވެ. އަދި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމެންޓް އަގު ތަރައްޤީގެ މަރުހަލާ ތެރޭގައި 20 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި މަޝްރޫޢުއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިލިޔަނަކުން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.