ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ޔަހޫދީ ވަޒަންވެރިން، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މެންދުރާ ދެމެދު 19 ހަމަލާއެއް ދީފިއެވެ.
ފަލަސްޠީނުގެ ކޮލޮނައިސޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަނުން ބުނީ ޔަހޫދީ ވަޒަންވެެރިންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޒައިތޫނި ގަސް ހައްދާ ދަނޑުވެރިންނަށާއި އެ މީހުންގެ ގަސްތަކާއި ދަނޑުތަކަށާއި ޖަނަވާރުތަކާއި އުޅަނދުފަހަރަށް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ދަނޑުތަކުގައި ޒައިތޫނި ކަނޑާ ދުވަސްވަރަކީ ޔަހޫދީންގެ ދުއްތުރާތައް އިތުރުވާ ދުވަސްވަރެއް ކަމަށެވެ. ސީދާ ދަނޑުވެރިންނަށް ހަމަލާ ދިނުމުގެ އިތުރުން ޒައިތޫނި ގަަސްތަކުގައި ރޯ ކޮށްލައި، ގަސްތައް މުލުން ލުހެލުމަކީ ޔަހޫދީ ވަޒަންވެރިން ތަކުރާރުކޮށް ދެމުންދާ ހަމަލާއެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ޤުޞްރާގައި ހުރި 50އަށްވުރެ ގިނަ ޒައިތޫނި ގަސް މުލުން ލުހެލައި، އިތުރު ހަ ސަރަޙައްދެއްގައި ޒައިތޫނި ކަނޑަމުން ދިޔަ މީހުންނަށް ހަމަލާތައް އަމާޒުވެފައިވެއެވެ. ދީރުލް ބައްލޫޠުގައި ބަޑި ބޭނުންކޮށްގެން ހަމަލާތައް ދީފައިވާއިރު، ކަަފްރް އައްދީކްގައި ވެސް ދަނޑުވެރިއަކަށް ޒަޚަމްވެފައިވެއެވެ. އަދި ބޫރީންގައި ދުވަސްވީ އަންހެނަކަަށް ޒަޚަމްވިއިރު، އޭނާއަށް އަނިޔާވީ ދަނޑުވެރިންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިންގެ ކުއްތާތަކެއް ދޫކޮށްލުމުންނެވެ. ޢައިން ޤީނިއްޔާގައި ފަލަސްޠީނުގެ ރައްޔިތުންގެ ކަނބަޅި ވެސް ޔަހޫދީ ވަޒަންވެރިން ވަގަށް ނަގާފައިވެއެވެ.
އޭގެ އިތުރުން ޔަބްރޫދުގައި ފަލަސްޠީނުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅަށް ވެސް ހަމަލާއެއް އަމާޒުވެފައިވެއެވެ. އެ މީހުން ދުއްވަމުން ދިޔަ އުޅަނދު ވަޒަންވެރިން ވަނީ ވަގަށް ނަގައިފައެވެ. އަދި ޖުރީޝްގައި ޒައިތޫނި ކަނޑަމުން ދިޔަ ބަޔަކަށް ވެސް ހަމަލާ ދީ ދަނޑަށް ގެއްލުން ދީފައިވެއެވެ. ވާދީ އަލްޝާޢިރުގައި ހުރި ޒައިތޫނި ގަސްތަކުގައި ވަޒަންވެރިން ހުޅުޖަހާފައިވާއިރު، ރާމަالله ކައިރީގައި ޔަހޫދީން ވަނީ ކަރުނަ ގޭސް ޖަހައި، ދަނޑުބިންތަކަށް ދަނޑުވެރިންނަށް ނުދެވޭނެހެން ހުރަސް އަޅައިފައެވެ. އޭގެ އިތުރުން ސުރްދާއާއި އަލް-ރައިހާންއާ ދެމެދު އޮންނަ ސަރަޙައްދަށް ވެސް ޔަހޫދީ ވަޒަންވެރިން ވަދެގަނެ ފަލަސްޠީނުގެ ރައްޔިތުންގެ އުޅަނދުތަކަށް ގައު އުކާ ބަޑި ޖަހާފައިވެއެވެ. އެ ސަރަޙައްދުގައި ހުރި ޒިޔާރަތަކަށް ވެސް ގެއްލުން ދީފައިވެއެވެ. އޭގެ އިތުރުން މަސާފިރު ޔައްޠާގައި ޔަހޫދީ ވަޒަންވެރިން ވަނީ އެ މީހުންގެ ގެރިބަކަރި ފަލަސްޠީނުގެ ބިންތަކަށް ދޫކޮށްލައި، ފަލަސްޠީނުގެ ރައްޔިތުންގެ ދަނޑުބިންތަކަށް ނުރައްކާ ކުރިމަރިކުރުވައިފައެވެ.
ފަލަސްޠީނުގެ ޒައިތޫނި ކަނޑާ މޫސުން ފެށިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ. ފަލަސްޠީނުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މި މޫސުމުގައި 21،000 ޓަނުގެ ޒައިތޫނި ތެޔޮ އުފެއްދޭނެ ކަމަށް ލަފާކޮށްފައެވެ.
ކޮމިޝަނުން ބުނީ 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީން 45،000އަށްވުރެ ގިނަ ގަހަށް ގެއްލުންދީ ނުވަތަ ކަނޑާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 26،000އަށްވުރެ ގިނަ ޒައިތޫނި ގަސް ވެސް ހިމެނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއާއި ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީ ދުއްތުރާ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 1،210 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 13،350 މީހުންނަށް ޒަޚަމްވެފައިވާއިރު، 26،000 މީހުން ވަނީ ބަންދުކޮށްފައެވެ.