ކޯވިޑް-19

ގިނަ ޤައުމުތަކުން ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް މިދަނީ ހަދަމުން: ނަސީމް


ގިނަ ޤައުމުތަކުން ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރުކުރުމުގައި މިހާރު އެންމެ ބޮޑަށް ބަލާ އެއްކަމަކީ ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯއެވެ. ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ޤައުމުތަކުގައި ބޮޑެތި ލުއިތަކެއްވެސް ވަނީ ދޭން ފަށާފައެވެ.

ރާއްޖޭގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ދޫކުރާ ވެކްސިނޭޝަން ކާޑުގެ އިތުރުން "ކޯވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ދާދިފަހުން ރާއްޖޭގައިވެސް ވަނީ ތަޢާރަފުކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ބައެއް ޤައުމުތަކުގައި ބަލައިނުގަންނާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ޗުއްޓީއަށާއި އެކި ބޭނުންތަކަށް ދިވެހިންވެސް ރާއްޖެއިން ބޭރަށް ގިނަ އަދަދަކަށް ދަތުރުކުރާއިރު، ވެކްސިން ޕާސްޕޯޓެއް އޮތުމަކީ މުހިއްމުކަމެއްކަމަށް އެމަނިކުފާނުވެސް ދެކެވަޑައިގަންނަވާކަމަށެވެ. ކޯވިޑާއި ގުޅިގެން އެކި ޤައުމުތަކުގައި ފިޔަވަޅުތައް އަޅަމުންދަނީ އެކި އުޞޫލުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭނުންކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ޕާސްޕޯޓު ބައެއް ޤައުމުތަކުން ބަލައިގަތުމުގައި މައްސަލަތަކެއް ދިމާވަނީ އެއީ އެކި ޤައުމުތަކައި އެކިގޮތަށް ޢަމަލުކުރާތީކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކާ ގިނަ ޤައުމުތަކުން ބަލައިގަންނަ ފަދަ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ވަރަށް ގިނަ މުއައްސަަސާތަކެއް ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމުން، އެކަމަށް ވަގުތު ނަގާނެކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް މިނިސްޓަރ ހިއްސާކުރައްވާފައެއްނުވެއެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ ވެކްސިން ޕާސްޕޯޓެއް ހެދުމަށް. އެކި ޤައުމުތަކުގައި އެކިގޮތަށްނޫންތޯ އަމަލުކުރަނީ. އެހެންވީމަ އަޅުގަނޑުމެންވެސް މަޝްވަރާކުރަމުން މިދަނީ އެކި މުއައްސަސާތަކުގެ މެދުގައި ދުނިޔޭގައި އެކްސެޕްޓަބަލް އެއްޗެއް ހެދުމާބެހޭގޮތުން. ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް އަޅުގަނޑުމެންނަށްވެސް އެބަ ބޭނުންވޭ. އެހެންނޫނަމަ ދަތުރުކުރަން އުނދަގޫވާނެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"ކޯވިޑް ސޭފް"ގެ ނަމުގައި އެޗް.ޕީ.އޭއިން މީގެކުރިން ތަޢާރަފުކުރި ޑިޖިޓަލް ވެކްސިން ޕާސްޕޯޓް "ކޯވިޑް ސޭފް ޑޮޓް އެމްވީ" (covidsafe.mv) ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް ސިންގަލް ވިންޑޯއެއްގެ ތެރެއިން އެމީހެއްގެ ކޯވިޑް ޙާލަތާގުޅޭ މަޢުލޫމާތުތައް ލިބޭނެއެވެ.

ޑިޖިޓަލް ވެކްސިން ޕާސްޕޯޓަށް މަޢުލޫމާތު އެއްކުރާނީ އެޗް.ޕީ.އޭގެ އައުޓް ބްރޭކް ސިސްޓަމާއި، ދިފާޢު ޕޯޓަލް މެދުވެރިކޮށެވެ. އައުޓް ބްރޭކް ސިސްޓަމުން އެމީހެއްގެ ކޯވިޑް ޕީ.ސީ.އާރް ޓެސްޓްތަކުގެ ނަތީޖާއާއި ކަރަންޓީންވެފައިވާނަމަ އެ މަޢުލޫމާތެއް ހިމެނޭހެން ކޯވިޑް-19ގެ ހެލްތު ސްޓޭޓަސް އެއްކުރެވިގެންދާނެއެވެ. އަދި ކޯވިޑް ދިފާޢު ޕޯޓަލް މެދުވެރިކޮށް އެމީހަކު ޖެހި ވެކްސިން ޑޯޒްތަކާއި ވެކްސިން ޖެހި ތާރީޚު އެނގޭނެހެން ވެކްސިނޭޝަން ކަވަރޭޖްގެ މަޢުލޫމާތު އެއްކުރެވޭނެއެވެ.

މި ޕޯޓަލްގެ ޒަރިއްޔާއިން އެމީހެއްގެ ކޯވިޑް ޙާލަތު ނުވަތަ ވެކްސިންގެ މަޢުލޫމާތު ކިއު އާރް ކޯޑެއް މެދުވެރިކޮށް ދެވަނަ ފަރާތަކާ ނުވަތަ މުއައްސަސާއަކާ ހިއްސާކުރެވެއެވެ.

ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ބައެއް ޤައުމުތަކުގައި ބަލައި ނުގަންނަނީ އޭގައި ދިވެހި ސަރުކާރު ނުވަތަ ދަޢުލަތް ރަމްޒުކޮށްދޭފަދަ އެއްވެސް ނިޝާނެއް ނުވަތަ ނަމެއް ނެތުމުންކަމަށް ބައެއް އާއްމުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. ނަމަވެސް ހަމަ އެކާޑު ބޭނުންކޮށްގެން ދަތުރުކުރުމުގައި އުނދަގޫތަކެއް ނުވާކަމަށްވެސް ބައެއް އާއްމުން ބުނެފައިވެއެވެ.