އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ. މި މަޝްރޫއުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގެ ތާރު އެޅުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ.
ތާރުއަޅައިގެން ތަރައްޤީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް އެއްކޮށް މިހާރު ވަނީ ނިންމާލާފައެވެ.
މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓުގައި ހިމެނޭ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަރަމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެމްޓީސީސީއިން ވިދާޅުވީ އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަގުގެ ދެވަނަ ފިޔަވަހީގައި ތާރު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު އޮތް ތާރުގަނޑު ނެގުމުގެ މަސައަކަތް އެމްޓީސީސިއިން ދަނީ ކުރަމުންނެއެވެ. އަލަށް މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ދެ ފަށަލައަށް ތާރު ދަނީ އަޅަމުންނެއެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަޙައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ. މީގެއިތުރުން ރާއްޖޭގެ ހޫނުމިން މައްޗަށް ދާދުވަސްވަރު އޭގެ އަސަރުވެސް ތާރުގަނޑަށް ކުރާކަން ފާހަގަކުރެވެއެވެ.