ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ ސާރވޭ ގާތްގަޑަކަށް ނިމިފައިވާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި" ލެޓްސް ކަނެކްޓު" ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެއެވެ.
ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދި ނަމަވެސް، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއްކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެކަމަށެވެ. އަދި އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތަށް ބޭނުންވާ ސާރވޭތައް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް މިހާރު ދަނީ ކުރިއަށްކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި މި ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށް، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުން މި ޕްލާންޓް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މިއީ ކާމިޔާބު މަސައްކަތެއްކަމަށާއި މިއާއެކު ފެން އުފެއްދުމުގެ ޤާބިލްކަން ހަރުދަނާވެގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.