ޖަރުމަނުގެ ވޮލްފްސްބަރގް އަށް ކުޅެމުންދާ ސްވިޑަންގެ ކްރިސްޓިއަން އެރިކްސަން އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ޖަރުމަނުގެ ދެވަނަ ޑިވިޝަނުގައި މިވަގުތު ވާދަކުރަމުންދާ ވޮލްފްސްބަރގްއިން އުމުރުން 34 އަހަރުގެ އެރިކްސަން އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހުގައެވެ.
ވޮލްފްސްބަރގް އާއިއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
2021 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ގްރޫޕް މެޗެއްގައި ފިންލޭންޑާއި ދެކޮޅަށް ކޯޕަންހޭގަންގައި ކުޅުނު މެޗުގައި އެރިކްސަންގެ ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން އޭނާއަށްވަނީ ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު ހިތަށް އައިޑީއެފް ޑިވައިސްއެއް ލައްވާފައެވެ.
އަދި އޭގެ ފަހުން މި އަހަރު ޔުކްރޭން އާއި ދެކޮޅަށް ޑެންމާކް ކުޅުނު އެކުވެރިކަމުގެ މެޗެއްގައިވެސް އެރިކްސަންގެ ހިތް ހުއްޓިގެން އޭނާ ވަނީ ދަނޑު މައްޗަށް ވެއްޓިފައެވެ.
ސްވިޑަންގެ ގައުމީ ޓީމަށް 151 މެޗު ކުޅެދީފައިވާ އެރިކްސަން އެންމެ ފަހުން ވޮލްފްސްބަރގް އަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ ޖޫން މަހުގައެވެ.
އެރިކްސަން ވޮލްފްސްބަރގް އާއި ގުޅިފައިވަނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. އެރިކްސަން ވަނީ މީގެ ކުރިން ނެދަލޭންޑްސްގެ އަޔަކްސް އާއި އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި ބްރެންޓްފޯޑްގެ އިތުރުން އިޓަލީގެ އިންޓަރ މިލާނަށްވެސް ކުޅެފައެވެ.
ވޮލްފްސްބަރގް އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު އެރިކްސަން ބުނެފައިވަނީ މިވަގުތު އޭނާއަށް އެންމެ މުހިންމީ އާއިލާގެ މެމްބަރުންނާއިއެކު ޑެންމާކްގައި މަޑު ކުރުން ކަމަށެވެ. އަދި ވޮލްފްސްބަރގް އިން މިވަގުތު މަސައްކަތް ކުރަމުންދަނީ އަލުން އަނބުރާ ބުންޑެސްލީގާއަށް ކޮލިފައިވުން ކަމަށްވާއިރު މިއީ އެ ކްލަބަށްވެސް އެންމެ ރަގަޅު ގޮތް ކަމަށެވެ.
ވޮލްފްސްބަރގް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމާއިމެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އެރިކްސަން އަށް ދިން ކަމަށާއި މި ނިންމުމަކީ އޭނާ ބޭނުންވި ގޮތް ކަމަށެވެ.