ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރުގެ ނޮވެމްބަރުމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ދުވާފަރު ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސް، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގެ ބިންހިއްކުމާ، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެލްޓަރެވެ. އެމްޓީ.ސީ.ސީން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
ދުވާފަރު ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތްވެސް ކުރާނެއެވެ.
ރ. ދުވާފަރަކީ ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ގިރުމާއި ގުޅިގެން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީކޮށްފައިވާ ރަށެކެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް (އައި.އެފް.އާރް.ސީ) އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ. ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރުމަހުއެވެ.
ދުވާފަރު މިހާރުގެ އާބާދީ 2900 އަށްވުރެ އިތުރެވެ. އާބާދީ އިތުރުވެ ދުވާފަރުގެ ބިންވަނީ މުޅިން ފުރިފައެވެ. ދުވާފަރަށް ބިން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުއަށް މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މުޅި މަޝްރޫޢުގެ އަގަކީ 54 މިލިއަން ރުފިޔާއެވެ. ދުވާފަރުގައި ކުރިއަށްގެންދިއުމަށް މިއަހަރަށް 7 މަޝްރޫޢުއެއް ރާވާފައިވެއެވެ. އެއީ ޖުމްލަ 53 މިލިއަން ރުފިޔާގެ މަސައްކަތްކަތެވެ.