ހުޅުމާލެއިން ދޫކޮށްފައިވާ %50 ސޯޝަލް ހައުސިންތަކަށް ކުލި ނުދައްކާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެކި ހާލަތްތައް ކުރިމަތިވެގެން ސޯޝަލް ހައުސިން ޔުނިޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލަ އަބަދުވެސް ފެންމަތިވެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭކިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ހުރި 12000އަށް ވުރެ ގިނަ ފްލެޓްތައް ބަލަހައްޓަމުންގެންދާކަމަށެވެ. އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން %50 ކުލި ނުދައްކާކަމަށް ޒުހައިރު ވިދާޅުވިއެވެ.
"އެކި ސަބަބުތަކާ ހުރެ، މާލީ ހާލަތު ހުންނަ ގޮތުން ކުލި ނުދައްކާ މީހުން އުޅޭ. ގާތްގަޑަކަށް ކުލި ނުދައްކާ ނިސްބަތް %50 އަށް އަރާ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ 172 ޑިވެލޮޕްމަންޓެއްގެ ތެރެއިން ހުޅުމާލޭގައި ސެމީ ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 12831 ޔުނިޓް ހުރިކަމަށެވެ. އަދި މިހާރުވެސް ސެމީ ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 1763 ޔުނިޓެއް ތަރައްޤީ ކުރުމުގެ މަސައްކަތާއި ލަގްޒަީ އެޕާޓްމަންޓްގެ ގޮތުގައި 1400 ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން ކުއްޔައް ދީފައި ހުރި ފްލެޓްތައް އަތުލުމާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ ފްލެޓްތައ ްކުއްޔާ ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް އެޗްޑީސީން ކޮށްފައިވާކަމަށެވެ. އަދި އެ ފްލެޓްތުގެ ތެރެއިން ބޭރު މީހުންނަށް ކުއްޔަށް ދީފައި ހުރިކަމަށް ބެލެވޭ ފްލެޓްތަޖކުގެ ވެރިންނަށް ވަކި މުއްދަތެއްގެ ތެރޭގައި ހުސްކުރުމަށް އެންގިކަމަށެވެ. އަދި ގިނަ ފަރާތްތަކަކުން އެގޮތަށް އަމަލުކޮށްފައިވާކަމަށް ޒުހައިރު ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވީ ފެލެޓްތައް ކުއްޔަށް ދޭތޯ ބެލުމުގެ ކަންކަން އެކުންފުނިން އަބަދުވެސް ބަލަމުންދާނެކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިޔާ ޓަވަރުތަކުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދީފައިވެއެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށް އެޗްޑީސީން ވަނީ ިދާޅުވެފައެވެ. ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.
2 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4984 ރުފިޔާއެވެ.