ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އެންމެ އުތުރަށް ފަތުރުވެރިކަން ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.
ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއަރޕޯޓެވެ. 2012 ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް އަޕްގްރޭޑް ކުރިނަމަވެސް މިއަދާ ހަމައަށް އެއަރޕޯޓުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއްނުވެއެވެ. އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ހަނިމާދޫ އެއަރޕޯޓު ޒަމާނާ އެއްވަރަށް ތަރައްޤީވެފައި ނެތުންކަން އުތުރުގެ ރައްޔިތުން ބުނެއެވެ. ގިނަ ބަޔަކު ހަނިމާދޫ އެއަރޕޯޓު ސިފަކުރަނީ "ނަމެއްގައި އިންޓަރނޭޝަނަލް" ތަނެއްގެ ގޮތުގައެވެ.
ހަނިމާދޫ އެއަރޕޯޓު ހަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށްޓަކާ އިންޑިއާގެ އެހީގައި ސަރުކާރުން ވަނީ ޚާއްސަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިހާރު ދަނީ ކުރަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި، ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަމައެހެންމެ ރާއްޖޭގެ އުތުރަށް ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރަށް، މާލެ ސަރަޙައްދަށް ބަރޯސާ ނުވެ، ސީދާ އުތުރުގައި ބޮޑުކަންނެލި ޕެކުކޮށް، ހަނިމާދޫއިން ވައިގެ މަގުން ބޭރުކުރުމަށްވެސް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މި މޝްރޫޢު މުހިއްމު ދައުރެއް އަދާކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަނިމަދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބީލަން މަރުޙަލާ މިހާރު ފަށާފައިވާއިރު، ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ޖުލައިމަހުގެތެރޭ ބަޔަކާއި ހަވާލުކުރެވޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ. އަދި ހަނިމާދޫއަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން އުތުރުގައި ފަތަރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަންޑުކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައިވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.