އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށް ޤައުމީ ޓީމު އޮތީ ތައްޔާރަށްކަމަށް ޓީމުގެ ކޯޗް އަސަދުﷲ ޚާން ބުނެފިއެވެ.
ކޯޗް މިހެން ބުނެފައިވަނީ އަންނަމަހުގެ 3 އިން 15 އަށް މެލޭޝިއާގައި ބާއްވާ މުބާރާތަށް ޤައުމީ ޓީމުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ. ކޯޗް ބުނީ ޤައުމީ ޓީމު، މުބާރާތާ ކުރިމަތިލާނީ މޮޅުވުމުގެ ވިސްނުމުގައިކަމަށެވެ. އޭނާ ބުނީ މިހާތަނަށް ޤައުމީ ޓީމުގެ ޕާފޯމަންސަށް ބަލާއިރު އެހިސާބަށް ދެވިފައިނުވިނަމަވެސް، ކުރިއަށް އޮތް މުބާރާތާ ކުރިމަތިލާނީ މުޅިން އައު ރޫހެއްގައިކަމަށެވެ.
"ކޮންމެ ކޯޗެއްގެވެސް ޓާގެޓަކަށްވާނީ މެޗުތައް ކާމިޔާބުކުރުން. ޤައުމީ ޓީމުގެ ކުރީގެ ޕާފޯމަންސަށް ބަލާއިރު، އެންމެ ބޭނުންވި ނަތީޖާއަކާ ހަމައަށް އަދި ނުދެވޭ. އެހެންވީމަ އައު މައިންޑްސެޓަކާއެކު މުބާރާތާ ކުރިމަތިލާނީ. ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރާނަން. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ކާމިޔާބު ހޯދުމުގެ ރޫހެއްގައި ޓީމު އޮތީ" ކޯޗް ބުންޏެވެ.
މުބާރާތަށް އެކުލަވާލި އައު ސްކޮޑު މިމަހު އިއުލާންކޮށްފައިވާއިރު، ސްކޮޑުން 12 ކުޅުންތެރިޔަކުވަނީ ޖާގަ ހޯދާފައެވެ. ޓީމުގެ ކެޕްޓަނަކަށް ހަސަން ހާޒިޤް ހަމަޖައްސާފައިވާއިރު، ވައިސް ކެޕްޓަނެއްގެ ގޮތުން ހަރަކާތްތެރިވާނީ ޔޫސުފް އަޒްޔާންއެވެ.
މުބާރާތުގެ ކުރިން ޤައުމީ ޓީމުން ލަންކާގައި ކޭމްޕްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގައި ކޭމްޕްކުރުމަށް ޤައުމީ ސްކޮޑު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި މުބާރާތަށް ޓީމު، މެލޭޝިއާއަށް ފުރާނީ ލަންކާ މަގުންނެވެ.
މިފަދަ ބޮޑު މުބާރާތަކާ ޤައުމީ ޓީމު ކުރިމަތިލާއިރު، ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ޓީމަށް ބޭނުންވާކަމަށްވެސް ކޯޗްވަނީ ބުނެފައެވެ. އަދި މިއީ މުސްތަޤުބަލުގައި ގިނަ ކުރިއެރުންތަކެއް ހޯދާނެ ޓީމެއްކަމަށް ޤަބޫލުކުރާކަމަށާ ޓީމާއެކު ދިވެހިން ތިބެ ދިނުމަށް ކޯޗްވަނީ އެދިފައެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ބުނެލާނީ މިއީ މުސްތަޤުބަލުގައި ޤައުމު ފަޚުރުވެރިވާނެ ފަދަ ޓީމަކަށްވެގެންދާނެއޭ. ސަޕޯޓަރުންގެ އެއްބާރުލުން އެކަމުގަ ވަރަށް މުހިންމު. އެހެންކަމުން ސަޕޯޓަރުން ޓީމާއެކު ތިބެދޭނެކަމަށް އުންމީދުކުރަން" ކޯޗް އަސަދުﷲ ބުންޏެވެ.
އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ގްރޫޕް ބީ ގައި ހޮންގކޮންގ، މެލޭޝިއާ، ސިންގަޕޫރު، ސައުދީއަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއާއެކުގައެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު މެލޭޝިއާއަށް ޤައުމީ ޓީމު ދާއިރު، މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ. އަދި 9 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުމަށްފަހު 11 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ މެލޭޝިއާއާ ވާދަކުރުމަށެވެ. އެއަށްފަހު 12 ވަނަ ދުވަހު ހޮންގްކޮންގާ ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި 14 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.