ޚަބަރު

ހަދަން ފަށާފައިވާ ގެތައް ނިންމަން ލޯނު ސްކީމުން ފުރުޞަތު ދެނީ


  • އާންމުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވި

  • މުސާރައާއި ބޯހިޔާވަހިކަމުގެ ދާއިރާއިން ހުރި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވި

ބޯހިޔާވަހިކަމުގެ ދާއިރާއިން ލޯނު ދޫކުރާއިރު، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށް، ފުރުޞަތު ލިބޭފަދަ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި، ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި %5 އަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތަކާއި ގުޅޭގޮތުން ފާހަގަކުރި ބައެއްކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ރައީސާއި ބައްދަލުކުރި އާއްމު މީހަކުވަނީ 5%ގައި ހައުސިން ލޯނު ދޭއިރު، ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ކުޑަކުރުމަށް ފަހު ލޯނު ދޫކުރާއިރު، މިހާރު އިމާރާތްކުރާ ތަންތަން ނިންމުމަށް ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖައްސާދިނުމަށް އެދިފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމަން ފުރުޞަތު ލިބުމާއި، އިތުރު ބައެއް ކަންކަން ހިމެނޭގޮތަށް، ލޯނާއި ގުޅިގެން އާއްމުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާކަމަށެވެ. އެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރައްވަމުންދާކަމަށާ، ނޮވެންބަރުމަހާ ހިސާބަށް އެ މަސައްކަތް ނިމޭނެކަމަށް ބެލެވޭކަމަށް ރައީސް ވިދާޅުވިއެވެ.

"އެބަ އުޅޭ މިހާރު ހައުސިން މިނިސްޓްރީން އެ މަސައްކަތުގައި. އިތުރު ފުރުޞަތުތައް އެބަ ހުޅުވާލަން އައު ފުުރުޞަތުތައް." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން އިތުރު މީހަކުވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އޭނާ ބުނީ އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ 13 އަހަރުގެ ކުއްޖެއް ބަލަމުންދާ މީހެއްކަމަށެވެ. އަދި ފްލެޓަށް ކުރިމަތިލުމުން މަތިން ޕޮއިންޓު ލިބުނުނަމަވެސް ފްލެޓެއް ނުލިބޭކަމަށް އޭނާ ފާހަގަކުރިއެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ފުރަތަމަ ހިމެނުނުނަމަވެސް ފަހުން އެ ލިސްޓުންވެސް އޭނާގެ ނަން އުނިވެފައިވާކަމަށް އެ މީހާ ފާހަގަކުރިއެވެ. އޭނާވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތް ދަތިކަން ފާހަގަކޮށް، އެ ކަންބޮޑުވުންތައްވެސް ރައީސާ ޙިއްސާކޮށްފައެވެ. ރައީސްވަނީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ.

ރައީސާއި ބައްދަލުކުރި އާޢްމުން އެހެން ބައެއް ދާއިރާތަކާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން، ރައީސާއި ބައްދަލުކުރި އިސްރައްވެއްސަކު ވަނީ މުވައްޒަފުން މަދުކުރުމުގެ ޕޮލިސީއާ މެދު ހުރި ބައެއް ކަންބޮޑުވުންތައް ޙިއްސާކޮށްފައެވެ.

އޭނާ ބުނީ އޭނާއަކީ އުމުރުން 16 އަހަރުން ފެށިގެން ވަޒީފާއި އުޅުނު މީހެއްކަމަށާ، އޭނާ މަސައްކަތްކުރަނީ ކޯލްޑް ސްޓޯރޭޖުގެ ދާއިރާގައިކަމަށެވެ. އޭނާއަކީ 40އަށް ވުރެ ގިނަ އަހަރު ސަރުކާރަށް ޚިދުމަތްކުރި މީހެއްކަމަށާއި، ގއ.ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖް ހަވާލުވެ ހުރި ސުޕަވައިޒަރެއްގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރުކަމުގެ މަޤާމު އަދާކޮށްފައިވާނެކަމަށް ފާހަގަކުރިއެވެ. ފަހުން އޭނާ ވަޒީފާ އަދާކުރަމުންދަނީ ކަނޑުއޮތްގިރީގައެވެ.

އޭނާ ބުނީ މިދިޔަ އަހަރު އޭނާ ޚިދުމަތުން ރިޓަޔަރކުރި ނަމަވެސް އިތުރު ދެ އަހަރު ވަޒީފާގައި ބަހައްޓާދިނުމަށް އެދިފައިވާނެކަމަށެވެ. އޭނާ ވަޒީފާގައި އޭރު ބެހެއްޓީ ކޮންޓްރެކްޓް އުސޫލުންނެވެ. ކޮންޓްރެކްޓް މުވައްޒަފުން ނުބައިތިއްބަން ސަރުކަރުން ނިންމުމުން އެކަމާމެދު އޭނާ ކަންބޮޑުވުން ފާހަގަކުރިއެވެ.

"ކުރިން މެނޭޖްމެންޓުން އަޅުގަނޑު ބަހައްޓާނަމޭ ބުނެފައޭ އޮތީ. އަޅުގަނޑުގެ ދެ ކުދިން ބޭރުގައި ޑޮކްޓަރކަން ކިޔަވާތީ އެދުނީ ބަހައްޓަން. ކޮންޓްރެކްޓް މުވައްޒަފުން ދޫކޮށްލުމުން ވަރަށް ބޮޑު ހިތާމައަކަށްވީ. މި ހުރިހާ ދުވަހު ޚިދުމަތްކުރުމަށް ފަހު އެންމެ ބޭނުންވާ ދުވަހު ދޫކޮށްލުން ނޭދެމޭ." އޭނާ ފާހަގަކުރިއެވެ.

އޭނާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސްވަނީ އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުންފުންޏަކަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭބޭފުޅުންގެ އަގު ވަޒަންކުރެވެންވާނެކަމަށާ، އޭނާ ވަޒީފާއިން ވަކިކުރުމަކީ ވަރަށް ހިތާމަވެރިކޮށް ހިނގާފައި އޮތްކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދަޢުލަތަށް 46 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މީހަކު ރިޓަޔަރކުރުމަށްފަހު މަހުން މަހަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ފާހަގަކޮށް އާއްމު މީހަކުވަނީ އެ ކަންބޮޑުވުންތައް ރައީސާ ޙިއްސާކުރައްވާފައެވެ.

އޮޑިޓް އޮފީހުން ރިޓަޔަރކުރުމަށްފަހު އޭނާއަށް ލިބެންޖެހޭ އަސާސީ ޕެންޝަން މަހުންމަހަށް ނުލިބޭކަމަށާއި، ރިޓަޔަކުރުމުން ގަނޑުކޮށް ލިބެންޖެހޭ ފައިސާ ލިބުނުކަމަށް އޭނާ ބުނިއެވެ. ރައީސްވަނީ އެކަން ބައްލަވާނެކަމަށް ފާހަގަކުރައްވާފައެވެ.

ރައީސާއި ބައްދަލުކުރި އިތުރު މީހަކުވަނީ ޕޭ ފްރޭމްވޯކަށް ބަދަލުކުރި އިރު އައިޓީ ދާއިރާގެ މުވައްޒަފުންނާމެދު ވިސްނިފައި ނެތްކަމަށް ފާހަގަކޮށް އެ ކަންބޮޑުވުންތައް ރައީސާ ޚިއްސާކޮށްފައެވެ. އޭނާ ބުނީ، ކޮމްޕިއުޓަރ ޓެކްނީޝަނުންނަކީ ދަޢުލަތުގެ މުހިންމު ބައެއްކަމަށްވީނަމަވެސް، އެ މީހުންގެ މުސާރަ އެޑްމިން އޮފިސަރުންނަށް ވުރެ ދަށްކަމަށެވެ. އަދި ޕަބްލިކް ސަރވިސް ރޭންކުގެ 5 ވަނަ ދަރަޖައިގައި ހިމެނުނު ނަމަވެސް ކޮމްޕިއުޓަރ ޓެކްނީޝަނުންގެ މުސާރަ، ޕަބްލިކް ސަރވިސް ރޭންކުގެ 4ގައި ހުންނަ މީހާއަށް ވުރެ ދަށްކަމަށް އޭނާ ފާހަގަކުރިއެވެ.

ޖުޑީޝަލް ސެކްޓަރގައި މަސައްކަތްކުރާ އެ އާއްމު މީހާ ބުނީ، މިހާރު އޮނިގަނޑު އޮތްގޮތުން، މަޤާމުގެ ރޭންކް ލިބުނު ނަމަވެސް މުސާރަ ކުޑަކަަމަށެވެ. ރައީސްވަނީ އެކަން ވެސް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.