ޕިންކް ރިބަން ރަން ނުވަތަ ވޯކް 2026 ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ މިހަރަކާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 24 ވަނަ ދުވަހުއެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރުކަމަށްވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން މިހަރަކާތް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އޮކްޓޯބަރު މަހު ބާއްވަމުން އަންނަ މި ހަރަކާތުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި، ބަލިން ސަލާމަތްވެފައިވާ ފަރާތްތަކުގެ އިތުރުން، އެފަރާތްތަކުގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެ މިބައްޔަށް އާންމުން ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީން ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެއެސޯސިއޭޝަނުންވަނީ އެދިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕިންކް ރިބަން ރަން ނުވަތަ ވޯކުން ލިބޭ ޗެރިޓީ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބައްޔަށް އާންމުން ހޭލުންތެރިކުރުމާއި ސްކްރީންކުރުމަށްކަމަށް ކެންސަރ ސޮސައިޓީން މަޢުލޫމާތުދެއެވެ.
ކެންސަރ ސޮސައިޓީން ހާމަކޮށްފައިވާ ގޮތުން އަހަރަކު 50 ރަށެއްގައި ހޭލުންތެރިކުރުމާއި ސްކްރީންކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. ކެންސަރ ސޮސައިޓީން ބުނީ ހިލޭ ކުރިއަށްގެންދާ ސްކްރީނިން ޕްރޮގްރާމުގެ ދަށުން، އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ކޮލިރެކްޓަލް އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީންކުރުމުގެ ޕްރޮގްރާމުތައް މިހާތަނަށް ކުރިއަށްގެންގޮސްފައިވާކަމަށެވެ.
ޕިންކް ރިބަން ރަން ނުވަތަ ވޯކް ހަރަކާތް އަތޮޅުތެރޭގަޔާއި ރިސޯޓްތަކުގައި ބޭއްވުމުގެ ފުރުސަތު އޮންނާނެކަމަށާއި، މާލޭގައި މި ހަރަކާތް އޮންނާނީ މާފަންނު ކުޅިވަރު އެކުވެނީގެ ދަނޑުގައިކަމަށް ކެންސަރ ސޮސައިޓީން މަޢުލޫމާތުދެއެވެ.
ޕިންކް ރިބަން ރަން ނުވަތަ ވޯކް ހަރަކާތުގެ ތެރެއިން ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތަކަށް ނުވަތަ ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތަކަށް ބިބް ޚާއްސަކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ.