ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ.ހޯރަފުއްޓަކީ އާބާދީގައި ގާތްގަނޑަކަށް 3400 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށްއުޅެނީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ. ލޯކަލް ޓޫރިޒަމްގެ ސިނާޢަތާއި ޢިމާރާތްކުރުމުގެ ސިނާޢަތަކީވެސް މިހާރު އެރަށުގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ދެ ސިނާޢަތެވެ. ހޯރަފުއްޓަކީ އަތްތެރި މަސައްކަތަށްވެސް މަޝްހޫރު ރަށެކެވެ.
2020ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯރަފުށީގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާއިރު، މިވަގުތުވެސް މައިގަނޑު 8 މަޝްރޫޢެއްގެ މަސައްކަތް އެކި ލެވެލްގައި އެރަށުގައި ކުރިއަށްއެބަދެއެވެ. އޭގެ ތެރެއިން އެއް މަޝްރޫޢަކީ ހޯރަފުށީގައި ބޮޓްލިންގ ޕްލާންޓެއް ނުވަތަ ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢު ހޯރަފުއްޓަށް ހާއްސަވާ އެންމެ މުހިއްމު ސަބަބަކީ މިއީ ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ޤާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓަށްކަމަށްވުމެވެ.
ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 02 ޖުލައި 2020 ގައެވެ. މި ޕްލާންޓު ޤާއިމުކުރުމަށް އެރަށުގެ ވޯޓަރ ސަޕްލައި ޕްލާންޓް ހުރި ދިމާލުން ކައުންސިލުން ވަނީ ބިން ހަމަޖައްސައިދީފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މި މަޝްރޫޢަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް މިޙާރު ގެންގޮސްފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތުރުފަތުރުކުރުމުގެ ދަތިތަކާއެކު މިމަޝްރޫޢުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް، ޢަމަލީ މަސައްކަތްތައް ފަށައިގަތުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ވަޙީދު ވިދާޅުވިއެވެ.
"މަސައްކަތް ފެށުމަށްޓަކާ މިހާރުވެސް މަސައްކަތަށް ބޭނުންވާ މުވައްޒަފުން ރަށުގައި ތިބީ. މަސައްކަތްކުރުމަށް ބޭނުންވާ މުދަލާ ތަކެތިވެސް ހޯރަފުއްޓަށް ޖަމާކޮށްފައިވަނީ. ކޯވިޑް-19ގެ ސަބަބުން ކުޑަކުޑަ ލަސްކަމެއް އައިނަމަވެސް މި ފެށޭ ހަފްތާގެ ތެރޭގައި އެބޭފުޅުންގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ޤަބޫލުކުރެވެނީ" ކައުންސިލުގެ ރައީސް ވަޙީދު ވިދާޅުވިއެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މި މަޝްރޫޢަކީ ހޯރަފުއްޓާއި މުޅި އުތުރަށްވެސް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ.
މިފަދަ މަޝްރޫޢެއްގެ ސަބަބުން، ރަށުގެ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބި، އިހަވަންދިއްޕޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށްވެސް އިތުރު ދިރުމެއްލިބި، ރަށަށް ލިބޭ ޢާމްދަނީ އިތުރުވެ، ކުރިއެރުންތަކެއް ލިބޭނެ އުއްމީދީ މަޝްރޫޢެއްކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.
"މިކަމާގުޅިގެން އަޅުގަނޑުމެން ޤަބޫލުކުރަނީ ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެއޭ. އަދި މުޅި މި ސަރަހައްދަށްވެސް ވަރަށްބޮޑު ލުއިފަސޭހަކަމެއް އަންޏާނެކަމަށް. މީގެން ހޯރަފުށީ ކައުންސިލަށް ފައިދާގެ ވަކި އިންސައްތައެއް ލިބޭގޮތަށް އެގްރީމެންޓްކޮށްފައިވާނީވެސް. ރަށުގެ ޒުވާނުންނަށް ވަޒީފާ ތަނަވަސްވެގެންދާނެ. ފައިދާގެ 40 އިންސައްތަ ކޮންމެ މަހަކު ކައުންސިލަށް ލިބޭނެ. 60 އިންސައްތަ ފެނަކައަށް ލިބޭނެ" ކައުންސިލުގެ ރައީސް ވަޙީދު ވިދާޅުވިއެވެ.
މި މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް އިންޑިއާ ސަރުކާރާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމާއި، ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި އެކުންފުނީގެ ހޯރަފުށީ ބްރާންޗުން ކައުންސިލަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ވަނީ އެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ހޯރަފުށީގައި ޤާއިމުކުރާ، ފުޅީގައި ފެން ބަންދުކުރަ ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް ފެނަކައިން ވަނީ ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިމަޝްރޫޢާ ގުޅިގެން މިހާރު ކުރިއަށް ދަނީ ޕްލާންޓް ބަހައްޓާ ސަރަޙައްދުގެ އިން ވަކިކޮށް ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެސަރަޙައްދަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ. އަދި އެހެނިހެން ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތައް ޓެންޑަރ ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ކުރިއަށްދާކަމަށްވެސް ފެނެކައިން ވިދާޅުވެއެވެ.
މި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ފެނަކައިން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށެވެ.