ޚަބަރު

ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ


  • ހީނާމާގެ ޕާކިން ބިލްޑިންގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް

  • ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކުކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް

މާލޭގައި ތަރައްޤީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޕާކިންގެ މައްސަލައަަށް ހައްލެއް ހޯދައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހީނާމާގެ ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިވާއިރު، ކޮންޑްރެކްޓަރާއެކު އެކަމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ޕާކިން ބިލްޑިންގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސޯސަންމަގުގައި ޔުނިވަރސިޓީއާ ޖެހިގެން އޮތް ބިމުގައިވެސް ޕާކިން ބިލްޑިންއެއް އެޅުމަށް މިވަނީ ނިންމަވާފައި. އިއްޔެ ދެން އަޅުގަނޑުމެންނަށް މިވަނީ މިކަމުގެ އެންމެ ފައިނަލް މަރުހަލާތައް ނިމި، އިންތިޒާރު މިކުރަނީ މާގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިގެންދާނެ ކަމަށް، ޓާގެޓަކީ ދެ ބިިލްޑިންގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމާލުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 4 މަގަކަށް ބަދަލު ގެނައުމަށްޓަަކައި މަގުތައް ކުރެހުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މި މަގުތައް ކުރަހާނީ އެކަމުގެ ދިރާސާތައްކޮށް، އާންމުންގެ ބަސްވެސް ހޯދައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދުގެ ވާހަކަފުޅުގައި ދާދިފަހުން އާންމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހު، އަދި ގްރޭޓަރ މާލެ މޮބިލިޓީ އޮފީހުގެ މަސައްކަތްތަކަށްވެސް ވަނީ އިޝާރާތްކުރައްވާފައެވެ. އެގޮތުން މި އޮފީހުގެ މަސައްކަތްތަކަށް ލަފާދިނުމަށްޓަކައި ރޯޑް ސޭފްޓީ ކައުންސިލްގެ ނަމުގައި ކޮމިޓީއެއް އުފައްދާފައިވާކަން ފާހަގަކުރައްވާ، މި ކޮމިޓީއާއެެކު ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރޯޑް ސޭޕްޓީ ކައުންސިލްގެ ތެރޭގައި މިިހިމެނެނީ ޓްރާންސްޕޯޓު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހޯމްލޭންޑާއި، އެޓާނީ ޖެނެރަލް، ކޮންސްޓަރަކްޝަން މިނިސްޓަރީ، އަދި މޯލްޑިވްސް ޕޮލިސް ސާވިސް. އިއްޔެ އަޅުގަނޑުމެން ރޯޑް ސޭފްޓީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސް މިވަނީ ބާއްވާފައި. އަދި މިއަދުވެސް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ދަތުރުފަތުރާބެހޭ ވަޒީރު ސަޢީދު ވިދާޅުވީ، ޓްރެފިކްގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެވީ ވެހިކަލްތައް ދުއްވުމުގެ ޤަވާއިދުތަކަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި މިކަމާގުޅޭ އުސޫލެއް ގެޒެޓުގައި ޝާޢިއުކުރެވިގެންދާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.