ޚަބަރު

ބާރަށު "ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމު" މިމަހު އޮޕަރޭޝަނަށް


  • މިއީ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ މަރުކަޒެއް

  • ބާރަށުގެ އިތުރުން ސަރަޙައްދުގެ އެހެން ރަށްތަކުން ވެސް އެފަދަ ކުނި ނައްތާވޭނެ

ހއ. ބާރަށުގައި ސިއްޙީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެއްޓާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" މިމަހު އޮޕަރޭޝަނަށް ގެނައުމަށް ނިންމައިފިއެވެ.

މި މަޝްރޫޢަކީ ސިއްޙީ ފަރުވާދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި، ތިމާވެއްޓަށް ގެއްލުން ނުވާނޭހެން ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ މުހިންމު ފެސިލިޓީއެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ މި މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަރުކަޒުގައި ސިއްޙީ ކުނި ރައްކާތެރިކަމާއެކު ސްޓެރިލައިޒްކޮށް (ޖަރާސީމު ނައްތާލައި)، އޭގައި ހިމެނޭ ވިހަ އަދި ނުރައްކާތެރި މާއްދާތައް ވެއްޓަށް ބޭރުވިޔަނުދީ ނައްތާލުމަށް ބޭނުންވާ ޒަމާނީ އޮޓޯކްލޭވް މެޝިނާއި އެހެނިހެން ވަސީލަތްތައް ފުރިހަމަކޮށްފައިވާކަމަށެވެ.

މި ފެސިލިޓީއަކީ ސިއްޙީ ދާއިރާގައި އުފެދޭ ކުނި އަންދާލުމުގެ ބަދަލުގައި، ރައްކާތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި ފެސިލިޓީގެ އޮޕަރޭޝަންތައް މި މަހު ފެށުމާއެކު، ބާރަށުގެ އިތުރުން އެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކުނި އެންމެ އެދެވޭ އަދި ރައްކާތެރި މިންގަނޑުތަކުގެ ތެރެއިން ނައްތާލެވިގެންދާނެއެވެ.