ޚަބަރު

"ރަސްމާލެ މަޝްރޫޢާއެކު ރާއްޖެ އަންނަ މަތީ ފަންތީގެ ފަތުރުވެރިން އިތުރުކުރެވޭނެ"


  • މަޝްރޫޢުއަށް ޝައުޤުވެރިވީ އިޤްތިޞާދު ފުޅާކުރެވޭ މަޝްރޫޢުއަކަށް ވުމުން

  • ކޮންމެ ފަތުރުވެރިއަކު 2000 ޑޮލަރު ދަތުރަކަށް ހޭދަކުރާނެކަމަށް ލަފާކުރޭ

ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫޢާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް ދެއްވި ބަސްތީގަތުމެއްގައި އޭނާ ވަނީ މި މަޝްރޫޢުއަށް އޭނާ ޝައުޤުވެރިވި ސަބަބު ހިއްސާ ކުރައްވާފައެވެ.

ރަސްމާލެ ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫޢެވެ. މިމަޝްރޫޢު ކުރިއަށް ގެންދާ އީގަލް ހިލްސް ކުންފުނީގެ ވެރިއާ މުޙައްމަދު ޢަލައްބާރު ވިދާޅުވީ، ރާއްޖޭގެ މަޝްރޫޢު ހިންގުމަށް ފުރުސަތު ލިބުނުއިރު މިފަދަ މަޝްރޫޢެއް ހިންގަން އޭނާގެ އެއްވެސް މަޖްބޫރީ ހާލަތެއް ނެތް ކަމަށެވެ. އަދި ފުރަތަމަ ރާއްޖޭގައި މަޝްރޫޢުއެއް ހިންގާ ވާހަަކަ ދެއްކުމުންވެސް ހޮޓާ މަޝްރޫޢުއެއް ހިންގަން ބޭނުން ނުވާ ކަމަށް ވިދާޅުވި ކަމަށް އަލްއައްބާރު ހިއްސާ ކުރެއްވިއެވެ.

ނަމަވެސް ރައްޔިތުންނަށް ފައިދާވާ ގޮތަށް ބިޔަ އިޤްތިޞާދީ ހަރަކާތަކަށް މަގުފަހިވާ ގޮތަށް ހިންގަންޖެހޭ މަޝްރޫޢުއެއްކަން އެނގުނު ހިސާބުން އޭނާ މަޝްރޫޢު ހިންގުމަށް ޝައުޤުވެރިވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މިކަން ކުރަން. ހަމައެކަނި މިކަމުގެ ތެރެއިން އަންނާނެ ފަތުރުވެރިންނަށް ބެލިޔަސް. އަޅުގަނޑުމެން މިދައްކަނީ 900،000 އެއްހައި މީހުން. އެއަށްވުރެ ގިނަ މީހުންވެސް އަންނާނެކަން ޔަޤީން. ދެން އެހެން ރިސޯޓުތަކާއި އޮތް ކާއިރި މިން ފެނިފައި އަޅުގަނޑު ބުނިން ހިންގާށޭ މިކަން ކުރަން" އަލްއައްބާރު ވިދާޅުވިއެވެ.

އީގަލް ހިލްސްއިން އަންދާޒާ ކުރަނީ މި މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމަށެވެ. މަޝްރޫޢު ކުރިއަށް ގެންދާ މުއްދަތުގައިވެސް އަދި މަޝްރޫޢު ނިމުމަށްފަހުވެސް ޑިއުޓީއާއި ޓެކްސް މަޢާފް ކުރުން މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ހިމަނާފައި ނެތެވެ. އެހެން ކަމުން މިމަޝްރޫޢުގެ ތެރެއިން ދައުލަތަށް އެކަށީގެންވާވަރުގެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަކީ އެންމެ އެކަށީގެންވާ ވަރަށް ހޭދަ ކުރާނެ ފަތުރުވެރިކަމަށް އަލްއައްބާރު ޤަބޫލުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަތުރުވެރިއަކު ދަތުރަކަށް 2000 ޑޮލަރު ހޭދަ ކުރާނެއެވެ. އަދި އެކުންފުނީގައި އެފެންވަރުގެ ފަތުރުވެރިން ޝައުޤުވެރިވާނެ ވަސީލަތް ބިނާކުރުމުގެ ޤާބިލްކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަތުރުވެރިކަން ފުޅާކުރުމުގެ ވާހަކަ ދައްކާއިރު، ރަނގަޅު ފެންވަރުގެ ފަތުރުވެރިކަމެއް ބޭނުންނަމަ، އަޅުގަނޑުމެންގެ އެބަހުރި އެފަދަ ފެންވަރު ރަނގަޅު ބޮޑު ސަރަހައްދުތައް ތަރައްޤީ ކުރުމުގެ ތަޖުރިބާ. އެފަދަ ތަންތަނަށް ޝައުޤުވެރިވާ ފަތުރުވެރިން އެވަރޭޖްކޮށް ކޮންމެ ދަތުރެއްގައި ގާތްގަނޑަކަށް 2000 ޑޮލަރު ހޭދަ ކުރާނެ. ދެން ސަރުކާރުގެވެސް އާމްދަނީވެސް ޓެކްސްގެ ސަބަބުން އިތުރުވާނެ" އަލްއައްބާރު ވިދަޅުވިއެވެ.

މިމަޝްރޫޢު ނިމޭއިރު، މުޅި ޖުމްލަ 20 ބިލިޔަން ޑޮލަރު އާމްދަނީއެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން މިހާރުވެސް ލަފާކުރެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގެ އިންވެސްޓްމެންޓްތަކާއެކު ޖުމްލަ އާމްދަނީ 31 ބިލިޔަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއީ ރާއްޖޭގެ މިހާރު ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ މިވަގުތު އިންވެސްޓްމެންޓަށްވުރެ ޖުމްލަ ބޮޑު އިންވެސްޓްމެންޓެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މިވަގުތު މަޝްރޫޢު އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރައި އީގަލް ހިލްސްއާ ދެމެދު މަޝްރޫޢުގެ އެއްބަސްވުމާގުޅޭ ގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ. އީގަލް ހިލްސްއިން ވަނީ މަޝްވަރާތަކަށް ފަހު ޢަމަލީ މަސައްކަތް ފަށަން އެކުންފުނި ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.