ހުޅުމާލޭގައި އިމަރާތްކުރާ ފަރާތްތަކުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކުގެ ޤަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިމާރާތްކުރުމުގައި ގެންގުޅެން ޖެހޭ ސަލަމާތީ މިންގަނޑުތައް ކަނޑައަޅައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާއިން ޤަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ކަމަށެވެ. މި ޤަވާއިދު ގެޒެޓްކޮށްފައިވަނީ 2019 ވަނަ އަހަރު ޖަނަވަރީ މަހުއެވެ،
އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކުގެ ގަވާއިދުގެ ދަށުން ކަންކަން އިސްލާހު ކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެގޮތުން މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، އަލައް މަސައްކަތް ފަށާ ފަރާތްތަކުން ޤަވާއިދުގެ އިމުގެ ތެރެއިން އިންތިޒާމުތައް ހަމަޖެއްސުމަށް އެކުންފުނިން ވަނީ އަންގާފައެވެ.
މިޤަވާއިދުގައި ހިމެނޭ ކަންކަން 10 ނޮވެމްބަރުގެ ކުރިން އިސްލާހުކޮށް ނިންމުމަށްވެސް އެކުންފުނިން ވަނީ އަންގާފައެވެ. އެޗްޑީސީން ވިދާޅުވީ އެ ޤަވާއިދުގަ ހިމެނޭ ކަންކަމަށް ތަންފީޒު ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު ހުޅުމާލޭގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ގަވާއިދުގައިވާ ސަލަމާތީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ. އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މާލެ ސަރަހައްދުގައި ހިނގަމުންދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައިވެސް މަސައްކަތްތައް ކުރިއަށްދެއެވެ. މިމަސައްކަތްތައް ކުރުމުގެ ހުއްދަތައް ދޫކުރަނީ އެޗްޑިސީންނެވެ.
އިމާރާތްކުރުމުގެ ސަލަމާތީ މިންގަނޑުތައް ކަނޑައަޅާފައިވާ ޤަވާއިދުގައި ގިނަ ކަންކަން ހިމަނާފައިވާއިރު، ގަވާއިދަށް ޢަމަލުނުކުރާ ފަރާތްތައް ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 500،000 ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާއަށް ދީފައިވެއެވެ.
އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން، ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ހިންގާފައިވެއެވެ. މިފަދަ ކަންކަމަކީ އަބަދުވެސް އާންމުންގެ މެދުގައި ކަންބޮޑުވުން އޮންނަ މައްސަލައެކެވެ.